މޮސްކޯ (އޮގަސްޓް 17) : ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި އެހެން ގައުމުތަކަށްވުރެ އަވަހަށް ރަޝިއާއަށް އެކަން ކުރެވުނީ މެދުއިރުމަތިން ފެނުނު މަޝްހޫރު "މާސް" ވައިރަސްއަށާއި އެފްރިކާއިން ފެނުނު "އެބޯލާ" ވައިރަސްއަށް ވެކްސިން އުފެއްދުމަށް ކުރި ތަޖްރިބާތަކުގެ އަލީގައި ކަމަށް ރަޝިއާއިން ބުނެފި އެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދު ރަޝިއާގެ މަރުކަޒުކަމަށްވާ "ނިކޮލައި ގަމަލެޔާ ރިސާޗް އިންސްޓްޓިއުޓް"ގެ ވެރިޔާ ޑރ. އެލެގްޒެންޑާ ގިންޓްސްބާގް ވިދާޅުވީ ކޮރޯނާ ވައިރަސް ފަދަ ވައިރަސްތަކަށް ވެކްސިން އުފެއްދުމުގެ ވިހި އަހަރުގެ ތަޖްރިބާ އެމަރުކަޒުގެ ސައެންސްވެރިންނާއި ރީސާޗަރުންގެ ކިބާގައި އެބަހުއްޓެވެ. މިގޮތުން "މާސް" ވައިރަސްއަށް ވެކްސިން އުފެއްދުމަށް ކުރި ތަޖްރިބާތައް ކޮވިޑް-19 އަށް ވެކްސިން ތައްޔާރު ކުރުމުގައި ބޮޑު ހިއްސާއެއް އަދާކުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ގިންޓްސްބާގް ވިދާޅުވީ އެމެރިކާ، ޖަރުމަނު އިނގިރޭސިވިލާތް އަދި ޗައިނާފަދަ ގައުމުތަކުން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް ކުރި މަސައްކަތް ކާމިޔާބުވި ވަރަށް ވުރެ އަވަހަށް ރަޝިއާއިން ވެކްސިން އުފެއްދުމުން ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށާއި ނަމަވެސް އެސުވާލުތައް އުފެދުނީ ރަޝިއާ އަށް އެކަމުގެ ތަޖްރިބާ ލިބިފައިވާ މިންވަރު ނޭންގުމުގެ ސަބަބުންނެވެ. ނަމަވެސް މިކަމުގައި ވާދަވެރިކަން އޮތުމަކީވެސް ރަޝިއާގެ މަސައްކަތުގެ ކާމިޔާބީއާމެދު ވާދަވެރި ބައެއް ފަރާތްތަކުން ސުވާލު އުފައްދާނެ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ "ނިކޮލައި ގަމަލެޔާ ރިސާޗް އިންސްޓްޓިއުޓް ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" އަކީ ވައިރަސްއާއި ބެކްޓީރިއާ ފަދަ ބަލިޖައްސާ ތަކެތި ދިރާސާކުރުމާއި އެއިން ޖައްސާ ބަލިތަކަށް ވެކްސިން އުފެއްދުމުގައި ދުނިޔޭގެ އެންމެ ތަޖްރިބާކާރު ބަޔޯޓެކްނިޝަނުންނާއި ވައިރޮލޮޖިސްޓުން އަދި އިމިއޮނޮލިސްޓުން ހިމެނޭ މަރުކަޒެކެވެ.

ކުރިން އުފެއްދި އެބޯލާ ވެކްސިންއާއި މާސް އަށް ވެކްސިން އެއް ތައްޔާރުކުރަން ކުރި މަސައްކަތުން ކޮރޯނާވައިރަހުގެ ވެކްސިންގެ ކޮމްޕޮޒިޝަނާއި އިމިއުނިޒޭޝަން ޑޯޒް ކަނޑައެޅުމުގެ ކަންތައް ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި އިސްކޮށް އުޅުއްވި ރަޝިއާގެ ސައެންސްވެރިންނާއި ރީސާޗަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔަކަމަށް ގިންޓްސްބާގް ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ކްލިނިކަލް ޓެސްޓްތަކުގެ ތިން ވަނަ މަރުޙަލާ ކަޑައްތުކުރަން ނުޖެހުމުން ވެކްސިންގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެގެން ދިޔަކަމާއި އެނޫންވެސް ބައެއްކަންކަން ގިންޓްސްބާގް ފާހަގަ ކުރެއްވި އެވެ. ތިން ވަނަ މަރުޙަލާ ކަޑައްތު ކުރަންޖެހުނު ނަމަ ވެކްސިން އިތުރު ދެމަހަށް ލަސްވެގެން ދިޔައީސްކަމަށް ގިންޓްސްބާގް ވިދާޅުވި އެވެ.

ރަޝިއާ އިން އުފެއްދި ވެކްސިންގެ ތިންވަނަ މަރުޙަލާއަށް ދާން ނުޖެހުނީ ދެވަނަ މަރުޙަލާގައި ކުރި ކްލިނިކަލް ތަޖްރިބާތަކުން ކޮވިޑް-19 އާ އަދި ކޮރޯނާ ވައިރަސްގެ އެހެން ބާވަތްތަކުން ހަށިގަނޑު އެއްކޮށް ދިފާއު ކުރެވޭ ވަރަށް އެވެކްސިން ތަޖްރިބާކުރުމަށް ޖެހި މީހުންގެ ހަށިގަނޑުން އެންޓި ބޮޑީސް އާއި ޓީސެލްތައް އުފައްދާފައިވާތީ ކަމަށް ރަޝިއާގެ ސިއްހަތާބެހޭ ވުޒާރާއިން ވެސް ބުނެފައިވެ އެވެ.

ނަމަވެސް ކްލިނިކަލް ޓެސްޓްގެ ތިންވަނަ މަރުހަލާ ނުނިންމައި ރަޝިއާ އިން މިވެކްސިން ރަޖިސްޓްރީކޮށް އަދި ރަޝިޔާގެ ބައެއް ރައްޔިތުންނަށް މިވެކްސިން މިދިޔަ ހަފްތާގައ ދިނުމުން އެމެރިކާއާ ޔޫރަޕްގެ ބައެއް ގައުމުތައް ވަނީ މި ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އަދި އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ފާޑުކިޔައި އޭގެ އަގުވައްޓާލަން މަސައްކަތް ކޮށްފަ އެވެ.

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އުފައްދާ ވެކްސިންތައް ދެ ވަނަ މަރުހަލާގައި އިންސާނުންގެ ގަޔަށްޖަހައި ޓެސްޓް ކުރުމުން އެންޓި ބޮޑީސް އާއި ޓީސެލްތައް އުފެއްދި ނަމަވެސް އެވެކްސިންތަކުން ކޮވިޑް-19 އާ އަދި ކޮރޯނާ ވައިރަސްގެ އެހެން ބާވަތްތަކުން ހަށިގަނޑު އެއްކޮށް ދިފާއު ކުރެވޭ ވަރަށް އެންޓި ބޮޑީސް އާއި ޓީސެލްތައް އުފައްދާފައިނުވާކަމަށް އެގައުމުތަކުން ބުނެފައިވެ އެވެ. ކްލިނިކަލް ތަޖްރިބާގެ ތިން ވަނަ މަރުހަލާއަކަށް ދާން އެގައުމުތަކަށް މަޖްބޫރުވީ މިހެންވެގެން ކަމަށް ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައިވެ އެވެ.

ރަޝިއާ އިން އުފެއްދި ވެކްސިން އަށް މިހާރު ކުރަމުން ގެންދަނީ ވިޔަފާރީގެ އުސޫލުން ގައުމުތަކަށް އެކްސްޕޯޓް ކުރަން ފެށުމުގެ ކުރިން ކަޑައްތުކުރަން ޖެހޭ ރައްކާތެރިކަމުގެ މެކޭނިޒަމްގައި ހިމެނޭ ތަޖްރިބާއެކެވެ. އެއީ ވެކްސިން އެއް ވިޔަފާރީގެ އުސޫލުން އެހެންގައުމުތަކަށް ވިއްކަން ފެށުމުގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ރެކޮމެންޑްކުރާ ތަޖްރިބާއެއް ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.

މިތަޖްރިބާ ރަޝިއާ އިން ފަށާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މިތަޖްރިބާ ނިންމައި ވަރަށް އަވަހަށް އެވެކްސިން ވިޔަފާރީގެ އުސޫލުން އުފައްދަން ފަށާނެކަމަށް ރަޝިއާ ބުނެ އެވެ. ރަޝިއާ އިން އުފެއްދި ކޮވިޑް-19ގެ ވެކްސިންއަށް 20 ގައުމަކުން އެއްބިލިޔަނަށް ވުރެ ގިނަ ޑޯޒަށްވަނީ އޯޑަރުކޮށްފަ އެވެ. ރަޝިއާގެ ވެކްސިން 3،500 އަށް ވުރެ ގިނަ މީހުންނަށް ދީފައިވާއިރު އެމީހުންގެ ހަށިިގަނޑުގައި ވަނީ ކޮވިޑް-19 އިން ސަލާމަތްވާވަރަށް އެންޓިބޮޑީސް އާއި ޓީސެލްތައް އުފެދިފަ އެވެ. އަދި ތަޖްރިބާއަށް އެ ވެކްސިން ޖެހި އެއްވެސް މީހަކަށް ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް ރަޝިއާއިން ބުނެ އެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދި ރަޝިއާގެ "ނިކޮލައި ގަމަލެޔާ ރިސާޗް އިންސްޓްޓިއުޓް ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" އަކީ 1819 ގައި އުފެއްދި ބަޔޯޓެކްނިކަލް އަދި ވައިރޮލޮޖިކަލް މަރުކަޒެކެވެ.

(ނޫސްއެޖެންސީތައް)