18 Aug 2020, 10:25
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ރިޕޯޓެއް ހުށަހަޅަން އެޖެންޑާކޮށްފައި ވަނިކޮށް، އެ ކޮމިޓީގެ މުގައްރިރު އަދި ނައިބު މުގައްރިރުވެސް ހަޒިރުވެވަޑައި ނުގަތުމުން މަޖިލިސް މެދުކަނޑާލަން ޖެހިއްޖެ އެވެ.
އިގްތިސާދީ ކޮމިޓީގެ މުގައްރިރަކީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އަދި ނައިބު މުުގައްރިރަކީ، މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
ޖަލްސާއަށް ދެ ބޭފުޅުން ހާޒިރުނުވި އިރު މިއަދު އެޖެންޑާކޮށްފައި ވަނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލު އިގުތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުމަށެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ވަގުތުގައި އެ ކޮމިޓީއެއްވެސް ހިނގަމުން ނުދާ ކަމަށާއި، ކޮމިޓީގެ މުގައްރިރުވެސް އަދި ނައިބު މުގައްރިރުވެސް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ.
"ވަރަށް އާދަޔާ ހިލާފުކަމެއް ދިމާވެގެން މިއުޅެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެއާއެކު ކޮމިޓީ ރިޕޯޓު ހުށަހަޅުމަށް ރިޔާސަތުން ހަވާލު ކުރެއްވީ ކޮމިޓީގެ މެމްބަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއާ އެވެ. އެހެން ނަމަވެސް އޭނާ އެދިވަޑައިގެންނެވީ، ރިޕޯޓު ހުށަހެޅުމަށް ލިބުނީ މަދު ވަގުތުކޮޅެއް ކަމުން، އިތުރު ވަގުތު ދެއްވުމަށެވެ.
އެގޮތުން މަޖިލިސް ޖަލްސާ 30 މިނިޓަށް މެދުކަނޑާލި އެވެ. މިއަދު މަޖިލީހުގެ ތަޅުމަށް ގިނަ މެންބަރުން ހާޒިރުވެފައެއް ނުވެ އެވެ.