ވެންޓިލޭޓަރުތަކުގެ މައްސަލާގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓު އެކުލަވާލި ގޮތުގެ ހިތް ހަމަ ނުޖެހުން ފާޅުކޮށް އެމައްސަލަ މަޖިލީހުގެ މިނިވަން މުއައްސާސާތަކާ ބެހޭ ކޮމިޓީއިން ބަލައި ދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ވެނޓިލޭޓަރުތަކުގެ މައްސަލާގައި އޭސީސީއިން ނެރުނު ދިރާސާ ރިޕޯޓުގައި އެމައްސަލާގައި ކޮރަޕްޝަނެއް އެކުލެވޭ ކަމަށް ބުނެފައެއް ނެތެވެ. މައްސަލައާ ބެހޭ މައުލޫމާތު ހާމަކުރިއިރުވެސް އެކަމަށް މަގުފަހިވާ މައްސަލަތަކެއް ހުރިކަމުގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އޮޑިޓަ ޖެނެރަލް މިހަފްތާ ފާހަގަކޮށްފައިވަނީ ވެންޓިލޭޓަރު ގަތުމުގައި ބޮޑެތި މަކަރުތަކެއް ހަދާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މިއަދު ޖަލްސާގައި ވިދާޅުވީ އޮޑިޓަ ޖެނެރަލް އެމައްސަލަ ބެލި ނަޒަރިއްޔާއިންވެސް އޭސީސީއަށް މައްސަލަ ބެލިފައި ނެތް ކަމަށެވެ.

"އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައިވާ ރޫހުގައިވެސް ޖަޒުބާތުގައިވެސް އަދި އެ ނަޒަރިއްޔާތުގައިވެސް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ދިރާސާ ރިޕޯޓު ކަންކަން ފާހަގަކޮށްފައި ނެތްކަން." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އޭސީސީގެ ރައީސް މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި މޭ ތިން ވަނަ ދުވަހު ވިދާޅުވެފައި ވަނީ ވެންޓިލޭޓަރު ތަކުގެ މައްސަަލައާ ގުޅޭ ހުރިހާ ޑޮކިއުމެންޓެއް ލިބިފައިވާ ކަމަށެވެ. އޭސީސީއިން ދިރާސާ ރިޕޯޓު ނެރުނީ އޭގެ ފަހުންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އޭސީސީއިން ވެންޓިލޭޓަރު މައްސަލާގައި ބައްލަވަން ޖެހޭ ކަންކަން ބައްލަވާފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މީ މި މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން އިތުރަށް ބަލަން ޖެހޭނެ މައްސަލައެއް." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި އޮޅުވާލުންތަކާއި ވައްކަން ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.