އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ބައްޕާފުޅު ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ފެސިލިޓީގައި ގެންގުޅުނު މައްސަލަ އޭސީސީއިން ނިންމި އިރު ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ.

އޭސީސީއިން އެމައްސަލަ ނިންމާފައި ވަނީ ޝިޔާމްގެ ބައްޕާފުޅު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓް ގާޑް މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ދިރިއުޅުނު މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ.

އަމިއްލަ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ފެސިލިޓީގައި އެއް އަހަރާއި ހަމަސް ދުވަހަށްވުރެ ގިނަ ދުވަހު ގެންގުޅުނު ކަމަށެވެ. އަދި އެ މުއްދަތުގައި ޝިޔާމްގެ ބައްޕާފުޅަށް އެކިއެކި ހިދުމަތް ދެމުން ގެންދިޔައީ ސިފައިންގެ ބޭކަލުން ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

އެ ވީއައިޕީ ފެސިލިޓީ ބޭނުން ކުރަމުން ދިޔައީ އެތަން ބޭނުން ކުރާނޭ އުސޫލެއްވެސް އެކަށައަޅާފައި ނެތީސް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

"މި މައްސަލަައިގައި ބުނެފައިވާ އަމަލު އަހުމަދު ޝިޔާމް ހިންްގާފައިވާކަން ތަހުގީގަށް ސާބިތުވެފައިވާއިރު އެ އަމަލުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީއިން ނިންމާފައިވުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ޝިޔާމަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމުގެ އަމަލެއް." އާންމު ފަރާތަކުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވެ އެވެ.

ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމަކީ ޖިނާއީ ކުށެކެވެ. އެ މާއްދާގެ ދަށުން އެ މައްސަލަ ބަލައިދޭން ވަނީ އެދިފަ އެވެ.