10 Jan 2012, 22:03
ގދ. ވާދޫގެ ގެއެއްގައި މިރޭ ރޯވެ އަނދައި ހުލިވެއްޖެ އެވެ.
ވާދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިރޭ 9:15 އެހާކަންހާ އިރު ރޯވެ އަނދައި ހުލިވެފައި ވަނީ އެ ރަށު ހިރުނދުމާގޭގައި ކަމަށެވެ.
އޭނާ ބުނީ އެގޭގެ ވެރިފަރާތަކީ މަސްވެރިއެއް ކަމަށާއި އޭނާ ގޭގައި އަލިފާން ރޯވި އިރު އޭނާ ވަނީ މަހަށް ފުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޭގައި އެމީހާގެ އިތުރުން އެހެން ބަޔަކު ނޫޅޭ ކަމަށާއި އެގޭގެ މީހުން އުޅެނީ މާލޭގައި ކަމަށެވެ.
"އަލިފާން ރޯވި އިރު ގޭގެ ވެރިމީހާ ހުރީ މަހަށް ގޮސް. އަލިފާން ރޯވި އިރު އެއްވެސް ބަޔަކު އެގޭގައި ނެތް. އަލިފާން ރޯވިކަން އެނގުނީ އެގެއާއި ދިމާލުން އަޑުފައްގަނޑެއް އިވިގެން މިރަށުގެ ބަޔަކު ގޮސް ބެލުމުން. މިހާރު ރައްޔިތުން ވެގެން އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި،" ވަހީދު ވިދާޅުވި އެވެ.
އެ ގެއަކީ އެކަހެރިތަނެއްގައި ހުންނަ ގެއެއް ކަމަށާއި އެގޭގައި އަލިފާން ރޯވިކަން އެނގުނީ އެގެއާ ދިމާލުން އަޑުފައްގަނޑެއް އިވިގެން އެ ރަށު ބަޔަކު ގޮސް ބެލުމުން ކަމަށާއި އަލިފާން ރޯވިއިރު ގޭގައި އެއްވެސް ބަޔަކު ނޫޅޭ ކަމަށެވެ.
އަލިފާން ރޯވުމާ އެކު އެ ރަށު ރައްޔިތުން ނުކުމެ މިހާރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވާދު އަށް ދިޔުމަށްޓަކައި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ޓީމެއް މިހާރު ފުރާފައިވާ ކަމަށެވެ.