18 Aug 2020, 08:28
އާ އިންތިހާބެއް ނުބާއްވާނެ ކަމަށާއި އެހެން ނަމަވެސް ބާރުތައް ހިއްސާކުރަން ތައްޔާރަށް ހުންނެވިކަމަށް ބެލެރޫސްގެ ރައީސް އެލެކްޒެންޑްރާ ލުކެޝެންކޯ ވިދާޅުވެއްޖެ އެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު ބެލަރޫސްގައި ބޭއްވި އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ލުކެޝެންކޯ ކާމިޔާބުކުރެއްވި ނަމަވެސް އިންތިހާބްގައި ބޮޑުތަނުން މަކަރު ހަދައި އޮޅުވާލައިފައިވާ ކަމަށް ބުނެ އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް މިހާރު ދަނީ ކުރިއަށްދަމުންނެވެ.
ލުކެޝެންކޯ، ބެލަރޫސްގެ ސަރުކާރުގެ ބޮޑު ފެކްޓްރީއެއްގައި ވާހަކަދައްކަވަމުން، އެމަނިކުފާނު މަރާލިޔަސް އާ އިންތިހާބެއް ނުބާއްވާނެ ކަމަށް ވިދާޅުވި ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެެސް ގާނުނީ އަސާސީއަށް ބަދަލުގެނައުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާއި އޭރުން ބާރުތައް ހިއްސާކުރައްވާނެ ކަމަށް ވެސް ލުކެޝެންކޯ ވިދާޅުވި އެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހްކުރަން އަހަރުތަކެއް ވެސް ނަގައިފާނެކަމަށް އޭނާ ވިދާޅުވި އެވެ.
ލުކެޝެންކޯ އެފަދައިން ވިދާޅުވި ނަމަވެސް ގާނުނު އަސާސީއަށް ބަދަލު ގެނައުމަށް ފަހު އާ އިންތިހާބެއް ބާއްވާނެކަމަށް އެމަނިކުފާނު ވިދާޅުފައިވާ ކަމަށް ބެލަރޫސްގެ އާރުއައިއޭ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވެ އެވެ.
ހުދުމުޙުތާރު ވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ލުކެޝެންކޯއަކީ ޔޫރަޕްގެ އެންމެ ފަހު ޑިކްޓޭޓަރުގެ ގޮތުގައި ވެސް ބައެއް މީހުން ދެކެ އެވެ. މިފަހަރު އެމަނިކުފާނު ރައީސްކަމަށް އިންތިހާބުވީ ހަވަނަ ދައުރަކަށެވެ. އެމަނިކުފާނު މިފަހަރު އިންތިހާބުވީ 80 ޕަސެންޓް ވޯޓާއެކު އެވެ.
އިންތިހާބު މޮނިޓާކުރުމަށް އުޅުނު މިނިވަން އޮބްޒާވަރުންގެ ގްރޫޕެއް ކަމަށްވާ "ހޮނަސްޓް ޕީޕަލް" އިން ބުނީ އެމީހުންގެ ހިސާބުތަކުން ދައްކަނީ، އިންތިހާބުގައި ވޯޓްލީ 80 ޕަސެންޓް ސްޓޭޝަންތަކުން ކާމިޔާބު ހޯއްދެވީ އިދިކޮޅު ލީޑަރު ސްވެލްޓާނާ ތިކަނޯސްކަޔާ ކަމަށެވެ. އިންތިހާބަށް ފަހު ސްވެލްޓާނާ ވަނީ ފިއްލަވައިގެން ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.
މީގެ ކުރިން އިންތިހާބުގައި ވާދަކުރައްވަން ފުރަތަމަ އޮތީ ސްވެލްތާނާގެ ފިރިކަލުންނެވެ. ނަމަވެސް އިންތިހާބާ ދިމާކޮށް އޭނާ ޖަލަށް ލުމުން އިންތިހާބުގައި އެކަމަނާ ވާދަކުރެއްވީ އެވެ.
މިހާރު ކުރިއަށްދާ ،މުޒާހަރާތަކުގައި ބާރުގެ ބޭނުންކުރާތީވެ އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެލަރޫސްއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު މިހާރު ވަނީ ކުރިމަތިވެފަ އެވެ.
ލުކެޝެންކޯއަކީ ރަޝިއާއާ ގާތް ބޭފުޅެކެވެ. މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ގައުމު ހަލަބޮލިވެ ބޭރުން ނުރައްކަލާ ކުރިމަތިވެއްޖެ ނަމަ އަސްކަރީ އެހީދޭން ތައްޔާރަށް އޮތްކަމަށް ރަޝިޔާއިން ވަނީ ބުނެފަ އެވެ.
ބެލަރޫސްއަކީ ރަޝިޔާއާ ނޭޓޯއާއި ދެމެދު "ބަފާ ޒޯން" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަަރަހައްދެއް ވެސް މެއެވެެ. އެމެރިކާއިން ވަނީ އިންތިހާބަށް ރަޝިއާއިން ނުފޫޒްފޯރުވަން އުޅުނުކަމަށް ތުހުމަތުވެސްކޮށްފަ އެވެ---- އަލްޖަޒީރާ، ރޮއިޓާސް