18 Aug 2020, 00:14
ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީ އަށް އަސަރު ކުރި 10،522 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ޖުމްލަ 43.6 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.
އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ. އިންކަމް ސަޕޯޓް އެލަވެންސް ދެނީ މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށައި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަހުގެ 13ގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 10،522 މީހަކަށް ފައިސާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ވަކިވަކި ފަރުދުންގެ އަދަދަކީ 5440 އެވެ.
މި އުސޫލުގެ ދަށުން އެންމެ ފުރަތަމަ އެލަވެންސް ދިނުމަށް ހުޅުވާލީ މި އަހަރުގެ އޭޕްރީލް، މޭ އަދި ޖޫން މަހަށެވެ. އަދި މި އެލަވަންސަށް އެދުމުގެ ދެވަނަ ފިޔަވައްސަކަށް ހުޅުވާލީ މި މަހުގެ ތެރޭގަ އެވެ. ދެވަނަ ފިޔަވަހީގައި ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު މަހުގެ އެލަވަންސަށް އެދި ހުށަހެޅޭނެ އެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީން ލޯނު ދޫކުރާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1046 ވިޔަފާރިއަކަށް ޖުމުލަ 209.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ހަމައެއާއެކު އެ ޕްރޮގްރާމުގެ ދަށުން އަމިއްލަ މަސައްކަތްކުރާ 433 ފަރާތަކަށް 13 މިލިއަން ރުފިޔާ ވެސް ވަނީ ދޫކޮށްފަ އެވެ.