މި ސަރުކާރު ހިންގަމުންދަނީ ފާދިރީންގެ ނުފޫޒުން ކަމަށް ބުނެ، ސާބިތު ނުހިފޭ ވާހަކަ ފަތުރަމުންދާތީ ކަމަށް ބުނެ، ތިން ފަރާތެއްގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުލުހުންނަށް އަންގަވައިފި އެވެ.

މ. ކަރިޝްމާވިލާ، އަހުމަދު އިބްރާހީމްދީދީ އާއި ޏ. ފުވައްމުލަކު އީސްޓްލައިޓް، ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އަދި ދި ޓީވީން ދިވެހި ސަރުކާރަށް ނިސްބަތްކޮށް ޔަހޫދީންގެ ރޭވުމުގެ ދަށުން ސަރުކާރުން ދީނީ ޢިލްމުވެރިންނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ސަރުކާރު ހިނގަމުން ދަނީ ފާދިރީންގެ ނުފޫޒުގެ ދަށުން ކަމަށް ބުނެ، ސާބިތު ނުހިފޭ ވާހަކަ ފަތުރަމުންދާ ކަމަށް ބުނާ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ފަރާތްތަކުން ދިވެހި ސަރުކާރަށް ނިސްބަތްކޮށް ގަސްތުގައި ދޮގު ހަދައިގެން ވާހަކަ ފަތުރަމުންދާ މައްސަލަ ތަހުގީގުކޮށްދެއްވުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.