ދެހާސް އަށާރަވަނަ އަހަރު ނުކުތް ކާމިޔާބު ހޮލީވުޑް ފިލްމު އެކުއަމޭންގެ ސީކުއަލް އަންނާނީ 2022 ގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ވޯން ބުނީ އެކުއަމޭން 2 ގައި ބިރުވެރި މަންޒަރުތަކެއް ހިމަނަން ގަސްތުކުރާކަމަށާއި ފިލްމުގެ ފުރަތަމަ ބަޔަށްވުރެ ފިލްމުގެ ދެވަނަ ބައި ވަރުގަދަވެފައި ރީތިވާނެ ކަމަށެވެ. އެކުއަމޭން އަކީ ޑީސީ ކޮމިކް ގެ ކެރެކްޓާއެކެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 1.148 ބިލިއަން ޑޮލަރު ލިބިފައެވެ. ފިލްމުގެ ދެވަނަ ބައި އަންނަ އަހަރު ކުރީކޮޅު ޝޫޓްކުރަން ފަށާނެ ކަމަށާއި ފިލްމު ރިލީޒްކުރާނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކުއަމޭންގެ ލީޑު ރޯލުން ފެނިގެންދިޔަ ތަރިންނަކީ ޖޭސަން މޮމޮއާ އާއި އެމްބާ ހާޑް އެވެ. އަދި ޕެޓްރިކް ވިލްސަން، ވިލެމް ޑެފޯއީ، ތެމޫރާ މޮރިސަން، އަދި ނިކޯލް ކިޑްމަން ފަދަ އެކްޓަރުން މި ފިލްމުން ފެނިގެންދިޔައެވެ.