17 Aug 2020, 19:58
ކޮވިޑް-19 ގެ ޚަރަދުތައް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިސްވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސަސްޕެންޑުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ސަސްޕެންޑު ކުރި ބޭފުޅުންގެ ތެރޭގައި ބިޑް ކޮމިޓީގެ މެމްބަރުން ވެސް ހިމެނެއެވެ. އެ ކޮމިޓީގެ ޗެއާމަނަކީ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ. ދެން ސިޔާސީ ބޭފުޅެއްގެ ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރެވެ. އެ ދެ ބޭފުޅުން ނިސްތްވެވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީއަށެވެ. ދެން ބިޑް ކޮމިޓީގައި ހިމެނެނީ ސިވިލް ސާވިސްގެ ފަސް މުވައްޒަފުންނެވެ.
ދެން ސަސްޕެންޑުކޮށްފައި ވަނީ ބޮޑެތި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތު ކުރެވޭ ވެންޓިލޭޓަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ.
އެބޭފުޅުންގެ އިތުރުން އެ މައްސަލައާ ގުޅިގެން ދެން ސަސްޕެންޑުކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމެވެ.
ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ތަހުގީގެއް ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އަންގަވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އެމީހުންގެ ސަސްޕެންޑް ކުރީ އޭސީސީއާ ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަން ނިމެންދެނެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހޫދު ނުދެއްވައެވެ.
މި މައްސަލައާ ގުޅިގެން ރައީސް ވަކިގޮތެއް އަންގަވަންދެން މަސައްކަތުން އެކަހެރިވާން ގަސްތުު ކުރާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވަނީ ރައީސް ސޯލިހަށް އަންގަވާފައެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި އޮޅުވާލުންތަކާއި ވައްކަން ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއޯއީސީ)ގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެކުންފުނި މެދުވެރިކޮށް ލިބުނު ވެންޓިލޭޓަރު ތަކަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ ގަތުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން އޮޓިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.