އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ދްރިޝަމް" ޑައިރެކްޓްކުރި ކުޅަދާނަ ޑައިރެކްޓަރު ނިޝިކާންތު ކަމަތު މަރުވެއްޖެ އެވެ.

އުމުރުން 50 އަހަރުގައި ނިޝިކާންތު މަރުވީ ފުރަމޭގެ ސީރިއަސް މައްސަލަތަކެއް ދިމާވެގެން ގިނަ ގުނަވަންތަކެއް ފެއިލްވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ މަހު 31 އިން ފަށައިގެން އޭނާއަށް އަންނަނީ ހައިދަރުއާބާދުގެ އޭއައިޖީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ޑައިރެކްޓަރު ނިޝިކާންތތު މަރުވީ އެ ހޮސްޕިޓަލުގައި ވެންޓިލޭޓަރު ގުޅައިގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.

އޭނާގެ މަރާއެކު ގިނަ ބޮލީވުޑް ތަރިންނެއް ހިތާމަފާޅުކުރަމުން އަންނައިރު ގިނަ ތަރިން ވަނީ އެކަމާ ގުޅިގެން ޓްވީޓްވެސް ކޮށްފަ އެވެ.

މަރާތީ ފިލްމުތަކުން ފިލްމީދާއިރާއަށް ތައާރަފްވި ޑައިރެކްޓަރު ނިޝިކާންތަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ. އޭނާ ވަނީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން މަރާތީ ފިލްމުތައް ވެސް ޑައިރެކްޓްކޮށްފަ އެވެ.

ނިޝިކާންތު ޑައިރެކްޓްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ރޮކީ ހޭންޑްސަމް"، "ފޯސް" އަދި "މުމްބާއި މެރި ޖާން" ހިމެނެ އެވެ.