ކޮވިޑް-19އަށް ފަރުވާ ދެމުން ދަނިކޮށް އުމުރުން 64 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މަރުވި އަންހެން މީހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެކެވެ. އޭނާ މަރުވީ މިއަދު ހަވީރު 5:36ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ މިހާތަނަށް ކޮވިޑް-19 ބަލީގައި ރާއްޖެއިން މަރުވި 23 ވަނަ މީހާ އެވެ.

އެންމެ ފަހުން އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން 5785 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން މިހާރުވެސް ބަލި ޖެހިފައި ތިބީ 2414 މީހުންނެވެ. އޭގެ ތެރެއިން 146 މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދެއެވެ.