ކޮވިޑް19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓާ ގުޅޭ ތަހުގީގު ނިމެންދެން މިނިސްޓްރީގެ މަސައްކަތުން، މިނިސްޓަރު އަމީން މިއަދު އެކަހެރިވެވަޑައިގެންފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް އަންގައިފައެވެ.

އެ މައްސަލައިގައި މިނިސްޓަރު އަމީން ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކިގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތުން އެކަހެރިވާން ގަސްތުކުރައްވާ ކަމަށެވެ.

އޮޑިޓް އޮފީހުން އިއްޔެ ނެރުނު ކޮވިޑް19 ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފައިވަނީ، ކޮވިޑާއި ގުޅިގެން ރާއްޖެއިން ބޭރުން ވެންޓިލޭޓަރުތައް ގެނައުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކުރި އެވެ. އެއީ މެޑްޓެކް، ނާޑު އަދި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އެވެ. އެގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއޯއީސީ)ގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އެކުންފުނި މެދުވެރިކޮށް ލިބުނު ވެންޓިލޭޓަރު ތަކަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ ގަތުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން އޮޓިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފަ އެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވި ކަންތައްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވާއިރު، މިނިސްޓަރު އަމީން މަގާމުން ވަކިކުރުމަށް މަޖިލިސް މެމްބަރުން މިއަދު ވަނީ ގޮވާލައްވައިފައެވެ.