ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް ދިޔަ ޓީއެމްއޭގެ ބޯޓެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާގައި މަރުވެފައި ވަނީ މ. މަޑުއްވަރީ، ފެހިފަރުދާގެ އިސްމާއިލް ހަމްދޫން އުމުރުން 20 އަހަރު ކަމަށެވެ.

ރިސޯޓުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ޕްލެޓް ފޯމް މަތީގައި ހުރި ދިވެހި ކްރޫއެއް ބުރަފަތީގައި ޖެހުނީ ވާރޭވެހިފައި އޮއްވައި ޕްލެޓްފޯމް މަތިން ހިނގާފައި ދަނިކޮށް، ކައްސައިލައިގެން ގޮސް ބުރަފަތީގައި ޖެހިގެންނެވެ. އަދި އެވަގުތު އޭނާ ވަނީ މޫދަށް ވެއްޓިފަ އެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ރިސޯޓުން މައުލޫމާތު ދިން މީހާ ބުނީ ހަމްދޫންގެ ބޯ ހަށިގަނޑާ ވަކިނުވެ ހުރީ އިންޗިއެއްހާ ތަން ކަމަށެވެ.

ރިސޯޓުން ވާހަކަ ދެއްކި މީހާ ބުނީ އެމީހާ މޫދަށް ވެއްޓުމާ އެކު އޭނާ ނަގާފައި ވަނީ އެ ރިސޯޓުގެ ޑައިވަރުންގެ ޓީމެއް ގޮސް ކަމަށާއި މިހާރު އެމީހާ ވަނީ އެރިސޯޓްގެ ކްލިނިކަށް ގެންގޮސްފައި ކަމަށެވެ.

މިހާދިސާއާ ގުޅިގެން ޓީއެމްއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހާދިސާ ހިނގި ވަގުތު ބޯޓުގައި އެއްވެސް ޕަސެންޖަރަކު ނެތް ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު ހަމްދޫންގެ އާއިލާއަށާއި ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރިސޯޓަށް ދިޔަ ޓީއެމްއޭގެ ބޯޓެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ދިއުމަށް ނައްޓާލާފައިވާ ކަމަށެވެ.
_________________________

ނޯޓް:
ކުރިން މިހަބަރުގައި އެއާޓެކްސީގެ ބޯޓެކޭ ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. އެހެންވެ އެކަމަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.