ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުތަކުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް އަންގަވައިފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް ހޫދު މިރޭ "ސަން" އަށް ވިދާޅުވީ، ޓޫރިޒަމް އިން ކުރި ހަރަދުގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް ތަހުގީގުކުރަން ރައީސް އެންގެވީ އޭސީސީ އަށެވެ. އަދި އަދި ހެލްތު މިނިސްޓްރީގެ ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގުކުރަން އޭސީސީގެ އިތުރުން ފުލުހުންނަށް ވެސް އަންގަވާފައިވެއެވެ.

"ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގެ ކޮރަޕްޝަންގެ މައްސަލަ ބަލަން ހަވާލުކުރީ އޭސީސީއާ އެކަނި. އެކަމަކު ހެލްތު މިނިސްޓްރީގެ އޮޑިޓުގެ މައްސަލަ ބަލަން ހަވާލުކުރީ ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި،" ހޫދު ވިދާޅުވި އެވެ.

ޓޫރިޒަމް އޮޑިޓަށް ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ހޫދު ވިދާޅުވީ، އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ތަހުގީގުތައް ކުރިއަށްދާ ވަަރަށް މިކަމުގައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ވަރަށް އަވަހަށް މިކަމާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް ސަރުކާރުން ވަރަށް އަވަހަށް އަޅުއްވާނެއެވެ. އެހެން ނަމަވެސް ފިޔަވަޅުތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ދެ އޮޑިޓް ރިޕޯޓުގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ބަލަން ފަށާފައެވެ. މިކަމާ ގުޅިގެން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ. ބަހުސްގައި އެމްޑީޕީ ބައެއް މެމްބަރުން ވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަކިކުރުމަށް ގޮވާލާފައެވެ.

ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި ކޮރަޕްޝަން ހިމެނޭތީ، އެކަން ތަހުގީގު ކުރުމަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮވިޑް19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ހަރަދު ކުރި 26 މިލިއަންގެ ތެރެއިން 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ހަރަދުތަކެއް ކަމަށް ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.