10 Jan 2012, 17:27
ވޮލީބޯލް އެސޯސިއޭޝަނުން މިމަހުގެ 26 ގައި ބޭއްވުމަށް ނިންމާފައިވާ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ރައީސްގެ މަޤާމަށް މުހައްމަދު ޝާފީ ކުރިމަތިލާން ނިންމައިފި އެވެ.
ބްރައިޑް މޯލްޑިވްސްގެ މެނޭޖަރު އަދި ޑިޖިޓަލް ސްޓޫޑިއޯ ވެސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝާފީ 2004 އަހަރު އަހަރު ވޮލީ އެސޯސިއޭޝަންއާ ގުޅުމަށްފަހު 2006 ވަނަ އަހަރު އެއެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމް ވަނީ އަދާކުރައްވާފަ އެވެ.
ސަންއަށް މިއަދު ދިން އިންޓަވިއުގައި ޝާފީ ބުނީ، ރައީސް ކަމަށް ކުރިމަތިލާން ނިންމީ ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭ ވޮލީއަށް އެއްވެސް ކަހަލަ ކުރިއެރުންތަކެއް ލިބިފައި ނުވާކަމަށް ޤަބޫލް ކުރެވޭތީވެ، އެކަން ރަނގަޅުކުރުމުގެ އުންމީދުގައި ކަމަށެވެ.
"ޤަބޫލް ކުރެވޭ މިހާރު އޮތް ގޮތުން އެސޯސިއޭޝަނުން ކުލަބްތަކަށް އެއްވެސް އަޅާލުމެއް ދީފައި ނުވާކަން. ވައީޑީޕީ ވޮލީއަށް ވެސް އެއްވެސް ކަހަލަ ދިރުމެއް ނުފެއްނަކަން. ރައީސްކަމަށް ކުރިމަތިލީ ހަމަ އެކަންތައްތައް ރަނގަޅު ކުރުމަށް" ޝާފީ ބުންޏެވެ.
މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ނަލަހިޔާ ހޮޓަލުގައި ބޭއްވުމަށް ނިންމާފައިވާ ވޮލީއެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި އިންތިހާބު ކުރެވޭ މަޤާމްތަކަށް ބަލާއިރު، ޕްރެޒިޑެންޓަކާއި، ވައިސް ޕްރެޒިޑެންޓަކާއި ހަޒާންދާރެއްގެ އިތުރުން ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަންގެ ތިން މެބްބަރަކު ހޮވުމަށް ވަނީ ނިންމާފަ އެވެ. އަދި ރޫލްސް ކޮމިޝަންގެ ގޮތުގައި ތިން މެންބަރުންނާއި ބީޗް ވޮލީ ކޮމިޝަންގެ ގޮތުން ހަ މެންބަރަކު ވެސް އަހަރީ އާންމު ޖަލްސާގައި އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ.
ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު، އެ މަޤާމްތަކަށް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.