ރާއްޖެއަށް ލިބިފައިވާ އެހީއާއި ލޯނުތަކާ ގުޅޭ ތަފްސީލު ސަރުކާރުން ހާމަ ކުރުމަށް ގަވާލައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޝިޔާމް ހުށަހެޅި މައްސަލާގައި ބުނީ، ބޭރުގެ އެތަކެއް ލޯނުތަކާއި އެހީތައް ސަރުކާަރަށް ލިބިފައިވީ ނަމަވެސް، އެ ފައިސާ އިން ރައްޔިތުންގެ ހާލަތު ބަދަލުވަމުން ނުދާ ކަމަށެވެ. އެގޮތުން ކޮވިޑް19އާ އެކު ރައްޔިތުން އަދިވެސް ތބީ ވަރަށް ނިކަމެތި ހާލުގައި ކަމަށް އެ މައްސަލާގައި އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ މައްސަލާގައި ޝިޔާމް ގޮވާލެއްވީ، ސަރުކާރަށް ލިބިފައިވާ ހުރިހާ ލޯނުތަކާއި އެހީތަކުގެ މައުލޫމާތާއި، އެ ފައިސާގެ ބޭނުން ކުރެވެމުންދާ ގޮތުގެ ހުރިހާ ތަފްސީލެއް ވީހާ ވެސް އަވަހަކަށް ސަރުކާރުން ހާމަ ކުރުމަށެވެ.

ޝީޔާމްގެ މައްސަލަ ވޯޓު ނެގި އިރު މަޖިލީހުގައި ހާޒިރުވެ ތިބީ 87 މެމްބަރުންގެ ތެރެއިން 23 މެމްބަރުންނެވެ. މައްސަލަ ފާސް ކުރުމަށް ހަތް މެމްބަރުން ވޯޓު ދެއްވި އިރު، 13 މެމްބަރަކު ވޯޓު ދެއްވީ މައްސަލަ ފާސް ނުކުރުމަށެވެ. އެހެން ކަމުން އެ މައްސަލަ ފާސް ނުވި ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލާގައި ޝިޔާމް ވިދާޅުވާ ގޮތުން ލޯނު އެހީގެ ގޮތުގައި ޖުމްލަ 24.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.