17 Aug 2020, 13:45
ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ ގުޅޭ އޮޑިޓް ރިޕޯޓްތަކެއް ހާމަނުކޮށް "ފޮރުވާފައިވާ" ކަމަށާއި އެ ރިޕޯޓްތައް ހާމަވެއްޖެ ނަމަ އިތުރު ވައްކަންތަކެއް ފަޅާއަރާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހުރުމުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ނިކަމެތި ހާލަތެއްގައި ރައްޔިތުން ތިއްބައި އެ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީއާ ހެލްތް މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓެއް ވެސް ހަދާފައިވާ ކަމަށް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
"އަޅުގަނޑުމެނަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު އެބަލިބޭ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ވެސް އެބައޮތް. ހާމަނުކުރަނީ. އެ އޮޑިޓް ރިޕޯޓްގައި އިންތިހާއަށް ކަންބޮޑުވާ ކަންތައްތައް އެބަހުރި. އިންތިހާއަށް ބޮޑެތި ވައްކަންތައް ހިނގާފައި އޮތް ކަމަށް އެ ރިޕޯޓް އެބަ ބުނޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝީޔާމް ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެ ރިޕޯޓު ހޯއްދެވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ރިޕޯޓް އާންމު ކޮށްދެއްވުމަށް ވެސް ޝިޔާމް ވަނީ އެދިވަޑައިގެންފަ އެވެ.
"އަދި ޕްލޭނިން މިނިސްޓްރީގެ ރިޕޯޓެއް ވެސް އެބައޮތް އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް އޮތް ކަމަށް ޝީޔާމް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.