10 Jan 2012, 17:21
ލަންޑަން (ޖަނަވަރީ 10) : ޔަހޫދީންގެ ތެރޭގައި ހިމެނޭ އިސްތިއްމާރީ ހިޔާލުގެ ހައްދުފަހަނަޅާފައިވާ އައިޑިއޮލޮޖީއެއް ކަމަށްވާ ޒަޔަނިޒަމް އާ ދެކޮޅަށް އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތުގެ ޔަހޫދީ ޖަމާއަތްތަކުން މުޒާހަރަކޮށް އަޑުއުފުލައިފި އެވެ.
މިތިން ގައުމުގައި ދިރިއުޅޭ ޒަޔަނިޒަމާ އިދިކޮޅު ޔަހޫދީ ޖަމާއަތްތަކުން ޒަޔަނިސްޓުންނާ ދެކޮޅަށް އަޑުއުފުލަމުން ބުނެފައި ވަނީ ޒަޔަނިސްޓުންނަކީ ނާޒީ ސްޓައިލްގެ ނަސްލީ އިމްތިޔާޒުގެ ހައްދުފަހަނަޅާފައިވާ އައިޑިއޮލޮޖީއެއްގެ ބައެއް ކަމަށާއި ޒަޔަނިޒަމްއަކީ އަރަބިންގެ އިތުރުން ހުދު ޔަހޫދީންނަށްވެސް ހުރި ނުރައްކަލެއް ކަމުގަ އެވެ.
ފަލަސްތީނުގެ ބިމުގައި ޒަޔަނިސްޓުން އުފައްދާފައިވާ އިސްރާއީލަކީ ޒަޔަނިސްޓް ދައުލަތެއް ކަމަށާއި މިދައުލަތް ރޫޅާލައި ފަލަސްތީނުގެ ބިންތައް އަނބުރައި ފަލަސްތީނަށް ދިނުމަށް ޒަޔަނިޒަމާ އިދިކޮޅު ޔަހޫދީ ޖަމާއަތްތަކުން ގޮވާލި އެވެ.
ޔަހޫދީންގެ މުޒަހަރާގައި ބައިވެރިވި ޔަހޫދީ ފާދިރީއެއް ކަމަށްވާ ޑޭވިޑް ފައިސް ވިދާޅުވީ އިސްރާއީލުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ޒަޔަނިސްޓުން ޔަހޫދީންގެ އައިޑެންޓިޓީ ވަގަށް ނަގައި ޔަހޫދީންގެ ނަމުގައި ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޖަރީމާތައް ހިންގަމުން ގެންދާކަމުގަ އެވެ.
ޔަހޫދީ ފާދިރީ ޑޭވިޑް ފައިސްއަކީ ޒަޔަނިޒަމްއާ ދެކޮޅަށް މަސައްކަތްކުރާ ޔަހޫދީ ޖަމާއަތެއް ކަމަށްވާ "ނަޓޫރީ ކާޓާ އިންޓާނޭޝަނަލް" ގެ މެންބަރެކެވެ. ޒަޔަނިޒަމްއާ ދެކޮޅަށް އަޑުއުފުލި ޔަހޫދީ މިޖަމާއަތުގެ މެންބަރުންވަނީ އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތުގައި ހުންނަ އިސްރާއީލުގެ އެންބަސީތަކުގެ ކުރިމަތީގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލި އެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ޔަހޫދީންގެ އަގުވެއްޓި ޔަހޫދީންނަކީ ނުބައި ބައެއްގެ ގޮތުގައި ސިފަވަމުންދާ ކަމަށްވެސް މުޒާހަރާކުރި ޔަހޫދީން ބުނެފައިވެ އެވެ. (އަލްޢާލަމް)