17 Aug 2020, 12:15
ބާސެލޯނާގެ ތާރީހުގައި ވެސް ޔޫރޮޕުގެ މުބާރާތެއްގައި ލިބުނު އެންމެ ބޮޑު ބައްޔާ އެކު ވެސް ޓީމުން އިސްތިއުފާދޭން ބޭނުން ނުވާ ކަމަށް ބުނި ޓީމުގެ ކޯޗު، ކީކޭ ސެޓިއެން އެ މަގާމުން ވަކިކުރަން ނިންމައިފި އެވެ.
ޒަމާންތަކަކަށް ފަހު ބާސެލޯނާ އިން ހުސްއަތާ ލަދުވެތި ގޮތަކަށް ސީޒަން ނިންމާލި އިރު ފަހަކަށް އައިސް ސެޓިއެންގެ ތާއީދު ނެތް ކަމަށް ބުނެ ބައެއް ކުޅުންތެރިން ވެސް ނުސީދާކޮށް ވަނީ ބަސްބުނެ ހަދައިފަ އެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު އޭރު ކޯޗަކަށް ހުރި އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ސެޓިއެން ހަމަޖެއްސި އިރު ބާސެލޯނާ އޮތީ ލީގުގެ އެއްވަނައިގަ އެވެ. އެކަމަކު ސެޓިއެންގެ އިރުޝާދުގެ ދަށުން ޓީމު ގިނަ މެޗުތަކަކުން ބަލިވެ ފަހުން ވަނީ ލީގުގެ ދެވަނައަށް ވެއްޓި ވާދަވެރި ރެއާލް މެޑްރިޑަށް ތަށި ދޫކޮށްލަން ޖެހިފަ އެވެ.
ލީގުގެ ނާކާމީޔާބީއާ އެކު ވެސް ސެޓިއެން ބާސެލޯނާގެ ކޯޗުގައި ދެމިހުންނާނެ ކަމަށް އެ ޓީމުގެ ބޯޑުން ބުނެފައިވާ އިރު ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ ބާސެލޯނާގެ ބަލީގެ ޒިންމާ ކުޅުންތެރިންގެ ބޮލުގައި ނާޅުވާ، ހުރިހާ ދިމާލަކުން ބަދަލުތައް ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އެހެން ޗެމްޕިއަންސް ލީގުގައި ބަޔާން އަތުން 2-8ގެ ނަތީޖާއަކުން ބަލިވި އިރު ވެސް ސެޓިއެން އިސްތިއުފާ ނުދޭނެކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގެ ބޮޑު ބައްޔާއެކު ކުލަބަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ބުނެ އެ ކުލަބުގެ ބޯޑުގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަކަށް، ކުލަބުގެ ރައީސް ޖޯސެފް މާރީއާ ބާޓެމިއު ވަނީ ގޮވާލައްވައިފި އެވެ.
މިއަދު ބާއްވާ އެ ބައްދަލުވުމުގެ ކުރިން ސެޓިއެން މަގާމުން ވަކިކޮށްފައިވާކަަމަށް ބާޓެމިއު ބުނެފައިވާ އިރު ރަސްމީކޮށް އެކަން އިއުލާން ކުރާނީ ބައްދަލުވުމަށް ފަހު ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. މި ބައްދަލުވުމުގައި އަންނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ ބާސެލޯނާގެ ރައީސަކު ހޮވާ އިންތިހާބު އަވަސްކުރަން ގޮވާލާތީ އެކަން ކުރުމާ ބެހޭ ގޮތުން ބޯޑު މެމްބަރުންގެ ލަފަޔަކަށް ވެސް އަހާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ބޯޑު މެމްބަރުންގެ ތާއީދު ލިބިއްޖެ ނަމަ އަންނަ ނޮވެމްބަރު މަހު ބާސެލޯނާގެ އިންތިހާބު ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަހަކަށް އައިސް ބާސެލޯނާގެ އެތެރޭގައި މައްސަލަތަކެއް ގޯސްވެ ކުޅުންތެރިންނާއި މެނޭޖްމެންޓާ ދެމެދުގައި ވެސް މައްސަލަ ގަނޑެއް އުފެދިފައިވާ އިރު ޓީމުގެ ކޯޗެއްގެ ގޮތުގައި ސެޓިއެން ބެހެއްޓުމާ ދެކޮޅަށް ބޯޑުގެ ބައެއް މެމްބަރުން ވެސް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ފާޅުކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސެޓިއެންއަށް ފަހު ބާސެލޯނާގެ ކޯޗުކަމާ ދެން ހަވާލުވުން އެންމެ ގާތީ މިހާރު ނެދަލޭންޑުގެ ގައުމީ ޓީމާ ހަވާލުވުގެން ހުރި ރޮނާލްޑް ކޫމަން އެވެ.
ކޫމަން އަބަދު ވެސް އެންމެ ބޭނުންވި އެއްކަމަކީ އޭނަގެ ފުޓުބޯޅަ ކެރިއަރުގައި 197 މެޗު ކުޅެ 67 ގޯލު ޖަހައިދިން ބާސެލޯނާގެ ކޯޗުކަން ކުރަން ކަމަށް އޭނާ އަބަދުވެސް ބުނެ އެވެ. އަދި އޭނާގެ ހިތް އަދިވެސް ބާސެލޯނާގައި އޮތްކަން ހާމަކުރުމުގެ ގޮތުން 2022ގެ ވޯލްޑް ކަޕަށް ފަހު ބާސެލޯނާއަށް ދާނެ ބޭނުންވާ ކަމަށް ވެސް ކޫމަން ވަނީ މިފަހަކުން ބުނެފަ އެވެ.