17 Aug 2020, 11:26
ދިވެހި ނޫސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހަރަކާތްތައް އަލުން ފެށުމަށް އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން އެ ޖަމްއިއްޔާއިން ނިންމައިފި އެވެ.
އެ ޖަމްއިއްޔާއިން ބުނި ގޮތުގައި މިއީ އެ ޖަމްއިއްޔާގެ ހިންގުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ފަށާ މަސައްކަތެކެވެ.
ނޫސްވެރިންގެ ހިތްހަމަ ނުޖެހުންތަކާ ހެދި ހަމަނުޖެހުން ބޮޑުވެ 2014 ވަނަ އަހަރުން ފެށިގެން އެމްޖޭއޭގެ ހިންގާ ކޮމިޓީއެއް އިންތިހާބު ނުކުރެވި، އެ ޖަމްއިއްޔާގެ ހަރަކާތްތައް އޮތީ ހުއްޓިފަ އެވެ.
އެމްޖޭއޭ އިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ހިންގާ ކޮމިޓީ އިންތިހާބު ކުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެ ޖަމިއްޔާގެ ހާއްސަ އާންމު ޖަލްސާއެއްގައި ކަމަށެވެ. އެ ޖަލްސާ ބާއްވަނީ އޮންލައިންކޮށެވެ.
އެކަން ކުރަނީ ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތް މިނިސްޓްރީގެ އިރުޝާދުގެ ދަށުންނެވެ. ޔޫތް މިނިސްޓްރީއިން ހުއްދަ ދީފައި ވަނީ އަންނަ މަހުގެ 13ގެ ކުރިން ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވާ އެކަން އެންގުމަށެވެ.
ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހު 31ގެ މެންދުރު 2:00ގެ ކުރިން މެމްބަރަކަށް ވުމަށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި މީގެ ކުރިން މެންބަރަކަށް ވެފައިވާ ފަރާތްތަކުން ވެސް އަލުން މެމްބަރަކަށްވާން ފޯމު ހުށަހަޅަން ޖެހެ އެވެ. އެއީ، އެ ޖަމްއިއްޔާ ނުހިނގާ ގިނަ ދުވަސް ވުމުން އެ ޖަމްއިއްޔާގެ މެމްބަޝިޕްގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
އެމްޖޭއޭގެ އަސާސީ ގަވައިދު ބުނާ ގޮތުން ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުން މެންބަރުން އާންމު ޖަލްސާގައި އެކަމަށް ޝައުގުވެރިކަން ހާމަކުރަން ޖެހެ އެވެ. އަދި ވޯޓަށް އަހާނީ އެ ޖަލްސާގަ އެވެ.
ހިންގާ ކޮމިޓީ އެކުލެވިގެންވަނީ ހަ މަގާމެކެވެ. އެއީ ރައީސް، ނައިބު ރައީސް، ހިންގާ ސެކެޓްރީ، ބަޖެޓް ސެކެޓްރީ އަދި އާންމު މެންބަރުންގެ ތެރެއިން ދެ މެމްބަރުންނެވެ.
އެމްޖޭއޭއިން ބުނި ގޮތުގައި ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ ބޭއްވުމަށް ޓަކައި މުއައްސިސުންނަށް ހިންގާ ގަވާއިދުން ލިބިދޭ ބާރުގެ ދަށުން ވަނީ ތިން ބޭފުޅުންގެ ކޮމިޓީއަކާ އެކަން ހަވާލުކޮށްފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ، އަލްޖަޒީރާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޒަހީނާ ރަޝީދު، ހުސެއިން ހަސަން އަދި ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމް އެވެ.
އެމްޖޭއޭގައި މައްސަލަ ހޫނުވީ އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގައި މުއައްސިސުން ތާއަބަދަށް އިންތިހާބު ވުމަކާ ނުލާ ތިބޭ މައްސަލައިގަ އެވެ.
އެމްޖޭއޭއިން ރޭ ނެރުނު އިއުލާނުގައި ބުނީ، އެމްޖޭއޭގެ ހަރަކާތްތައް މިފަހަރު ފަށާއިރު މުއައްސިސިން ނިންމާފައި ވަނީ އިންތިހާބު ވުމެއް ނެތި ހިންގާ ކޮމިޓީގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވުމަށް ކަމަށެވެ. އަދި މުއައްސިނުން ހިންގާ ކޮމިޓީގައި ނުތިބޭ ގޮތަށް، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން އާ ހިންގާ ކޮމިޓީއަށް ހުރިހާ އެއްބާރުލުމެއް ދޭނޭ ކަމުގެ ޔަގީންކަން މުއައްސިސުން ދޭ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭ އަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި އެތަކެއް ގޮންޖެހުމަކަށް މީގެ ކުރިން އެޑްރެސްކޮށް އަޑުއުފުލާ އެކަމުގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފަ އެވެ. އަދި ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ހޯދައިދީފައިވެ އެވެ.
މެންބަރޝިޕް ފޯމް އީމެއިލް ކުރުން މައުލޫމާތު ހޯދުން:[email protected]
- މެމްބަރޝިޕް ފޯމް ހަވާލު ކުރުމާ މައުލޫމާތު ދިނުން: މުހައްމަދު މުޒައްޔިން ނާޒިމް / 7800753
- މުއައްސިސުންގެ ފަރާތުން މައުލޫމާތު ހޯއްދެވުމަށް: އަލީ ޝަމްއާން / ފައުންޑަރ: 7785669
- މެމްބަޝިޕް ފޯމާއި އެހެންވެސް ލިޔުންތައް ޑައުންލޯޑް ކުރުމަށް:https://we.tl/t-7btNRgvp8g