17 Aug 2020, 10:46
ކޮވިޑް-19ގެ ހަރަދުތަކާ ގުޅިގެން ތިލަވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ރާއްޖެއަށް ވެންޓިލޭޓަރު ގަތުމާއި އެހެން ވެސް ކޮވިޑާ ގުޅިގެން ގަތް ސިއްހީ ދާއިރާގެ ތަކެތި ގަތުމުގައި ހީލަތާއި މަކަރު ހަދައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއްގެ ހަރަދުތައް ސަރުކާރުން ކޮށްފައިވާކަން ހާމަވެފަ އެވެ. މީގެ އިތުރުން، ޓޫރިޒަމުން ވެސް ވަނީ އެތައް މިލިއަން ރުފިޔާއެއް ނަހަމަ ގޮތުގައި ހަރަދުކޮށްފައިކަން އޮޑިޓުން ރިޕޯޓުން ދައްކަ އެވެ.
މި މައްސަލަތަކާ ގުޅިގެން، ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން، 47 މެންބަރުން ވޯޓް ދެއްވި އެވެ.
އުޝާމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، މަޖިލީހުން އެދިގެން އޮޑިޓާ ޖެނެރަލް ހެއްދެއްވި ކޮމްޕްލަޔަންސް އޮޑިޓްތަކުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން ހަރަދުކުރުމުގައި މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ ހިލާފަށް
އެތަކެއް ކަންކަން ކޮށްފައިވާކަން، ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމާ ގުޅޭ ގޮތުން މީގެ ކުރިން ރައްޔިތުން މަޖިލީހާއި އެހެން ވެސް ފޯރަމްތަކުގައި ކުރި ސުވާލުތަކާ ގުޅިގެން ރައްޔިތުންނަށް އެކަމުގެ މައުލޫމާތުތައް ހާމަކުރިއިރު އެ މިނިސްޓްރީތަކުން ދޮގު މައުލޫމާތުތަކެއް ހާމަކޮށް، ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް އުޝާމްގެ މައްސަލައިގައިވެ އެވެ.
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި ކަންކަން ހިނގަމުން އަންނަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ ބޮޑެތި އިހްމާލުތަކެއްވެސް އޮވެގެން. މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި މިހާރުން މިހާރަށްވެސް މުހިންމު ފިޔަވަޅުތަކެއް
އެޅުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލަން،" އުޝާމްގެ މައްސަލަ ހުށަހަޅުއްވާ ނިންމާލައްވަމުން ވިދާޅުވި އެވެ.
އެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ރައްޔިތުން ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ތިއްބާ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރާ އާލާތްތަކުން ވައްކަން ކުރުމަކީ ބަޔަކު ކުރާނެ އެންމެ ހުތުރު އަދި ލާއިންސާނީ އަމަލު ކަމަށެވެ. އެހެންކަމުން، އެކަމުގައި ތުހުމަތުވާ ފަރާތްތައް މިވަގުތުން ވަގުތަށް މަގާމުތަކުން ދުރުކުރުމަށް އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ.
މީކާއީލް ވަނީ، ހެލްތް މިނިސްޓަރު މަޖިލީހަށް އޮޅުވާލައްވާފައިވާ ކަމަށާއި އަދި ސީދާ ދައުލަތުގެ މާލިއްޔާއިން ވެސް ކޮރަޕްޝަންތަކެއް ހިންގަވާފައިވާ ކަމަށެވެ. އެ މެންބަރު ވިދާޅުވީ މިނިސްޓަރު އަމީން ހުންނެވީ "ދެ ވައްކަން" ހިންގަވައިގެން ކަމަށެވެ.
"އެއީ އެބޭފުޅާ، ހެލްތް މިނިސްޓަރު ރައްޔިތުންގެ އިތުބާރުން ކުރާ ވައްކަމާއި ސީދާ މާލިއްޔާއިން ފިޒިކަލީ ކުރެއްވި ވައްކަން... އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް ހެލްތް މިނިސްޓަރު އަމީން އެ މަގާމުން ވަކިކުރުމަށް. އަދި ބިޑް ކޮމިޓީގެ ޗެއާ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ބިޑް ކޮމިޓީއަށް އޮޅުވާލި އޮޅުވާލުމަށް އެކަމަނާ ވެސް ވަކިކުރަން. މިކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއް ވީއެންމެ އަވަހަކަށް އިތުރަށް ވައްކަން ކުރަން ފުރުސަތު ނުދީ ވަކިކުރުމަށް ގޮވާލަން،" މީކާއިލް ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ބޮޑު ކާރިސާއެއްގެ ވަގުތަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ކޮރަޕްޝަން ހިންގާ މީހުން އެކަން ކުރަން ބަލާ ދަނޑިވަޅު ކަމަށާއި އެއީ ދުނިޔެ ދައްކާފައިވާ ތަޖުރިބާއެއް ކަމަށެވެ. އެހެންކަމުން އެ ހަރަދުތަކާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކާ އެ ހަރަދުތަކާ މެދު ޒިންމާދާރު ކަމާ އެކު ކުރުމަށް އަޑުއުފުލީ، ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި ކޮވިޑްގެ ހަރަދުތަކުން ހިންގާފައިވާ ކޮރަޕްޝަންތައް މިހާ އަވަހަށް ހާމަވީ، މަޖިލީހުން އިސްވެ، އޮޑިޓް އޮފީހުގައި އެދިގެން ކަމަށް ވެސް އީވާ ފާހަގަ ކުރެއްވި އެވެ. މި ރިޕޯޓްތަކާ ގުޅިގެން ސަރުކާރުން ލަސްނުކޮށް ފިޔަވަޅު އެޅުމަށް އީވާ ގޮވާލެއްވި އެވެ.
"މި ރިޕޯޓަކީ ދިވެހި ހުރިހާ ރައްޔިތުން ހަބަރުގެ ސުރުހީގެ އިތުރުން ހަމަ ކިޔުއްވާ ލައްވަން ރަނގަޅު ރިޕޯޓްތަކެއް. އަޅުގަނޑުމެން މި ރިޕޯޓްތައް ނެރެން ބާރުއެޅި ސަބަބަކީ މިއީ. މާ ގޯސްނުވަނީސް އަޅުގަނޑުމެން ފިޔަވަޅު އަޅަން ވެސް ބޭނުން ވާތީ،" އީވާ ވިދާޅުވި އެވެ.
"މިކަންކަމަށް ނުފޫޒު ފޯރުވޭ ވަރުމީހަކު އަދިވެސް މަގާމުގައި ހުރީވިއްޔާ މިހާރުން މިހާރަށް ވެސް ތަހުގީގު މިދާއިރުވެސް މަގާމުން ވަކިކުރެވެން، ދުރުކުރެވެން ޖެހޭނެ ކަމަށް."