ވިސާ މައްސަލައެއްގައި ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއެއް ހައްޔަރުކޮށްފި އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނީ ވިސާ ނެތި ސްރީލަންކާގައި ގިނަ ދުވަސްވެފައިވާ ދިވެހި އާއިލާއެއް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ހައިކޮމިޝަނުގެ ފަރާތުން ފޯރުކޮށްދެމުން ދާ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މީގެ ކުރިން ވެސް ވިސާގެ މުއްދަތު ހަމަވެގެން ލަންކާގައި އުޅޭ ދިވެހިން ހައްޔަރު ކޮށްފައި އެބަހުއްޓެވެ.

ސްރީލަންކާގައި، އަދި ބޭރުގެ އެހެން ގައުމުތަކުގައި ތިބޭ ދިވެހިންނަށް ވެސް ގަވައިދުން ވިސާ ނެގުމަށާއި އާ ކުރަންޖެހޭ ހާލަތުގައި އާ ކުރުމަށް ފޮރިން މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ވިސާގެ ގަވާއިދުތަކުގެ އިތުރުން ބޭރުގައި ތިބޭއިރު، އެގައުމުތަކުގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް އިހްތިރާމްކުރުމަށް މިނިސްޓްރީ އިލްތިމާސްކުރެ އެވެ.