ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 40 ޕަސެންޓް މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދީ ވިޔަފާރިތައް އަލުން ހުޅުވާލުމާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނީ ކޭސްތައް ފެންނަމުންވެ. އަދި ރާއްޖެ އިން ކޮންމެ ދުވަހަކު ދަނީ ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެންނަމުންނެވެ.

އެޗްޕީއޭ އިން މިއަދު ބުނެފައި ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކުރާގޮތުގައި އަލާމާތްތައް ހުންނަ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުނަމަވެސް ބަލީގެ އަލާމާތްތައް ނުހުންނަ މީހުންގެ ފަރާތުން ވެސް ކޮވިޑް-19 ފެތުރޭ ކަމަށެވެ.

އެގޮތުން ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދާދި ފަހުން ބުނެފައި ވަނީ މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ ޖުމްލައަށް ބަލާއިރު ގިނައީ އަލާމާތްތައް ހުންނަ މީހުން ކަމަށެވެ.

އަދި ޕޮޒިޓިވް ކޭސްތައް ފުދޭ ވަރަކަށް މަތީގައި އުޅޭ ކަމަށާއި އޭގެ ތެރޭގައި މިހާރު ގިނައީ ވައިރަސް އަށް ޕޮޒިޓިވްވާ ދިވެހީން ކަމަށް އެޗްއީއޯސީއިން ބުންޏެވެ. އަދި ވައިރަސް ޖެހޭ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

ބަލި ޖެހޭ މީހުން އެންމެ ގިނައީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ކޮންޓެކްޓުން ވެސް ގިނައީ އެ އުމުރުފުރައިގެ މީހުންނެވެ. އަދި މި ފަހަކަށް އައިސް އެއްވެސް ކްލަސްޓާއަކާ ގުޅުން ނެތް ކްލަސްޓަތައް ފެންނަ މިންވަރު ވެސް އިތުރުވަމުންދާ މައްސަލަތައް ވެސް ދަނީ ފެންމަތިވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5،789 އަށް އަރާފައިވާ އިރު އެ ބަލި ޖެހިގެން 22 މީހަކު ވަނީ މަރުވެފަ އެވެ.