އިސްލާމް އާބާދު (ޖަނަވަރީ 10) : ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރު ސަރަޙައްދުގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން 20 މީހުން މަރުވެ 60 މީހުން ޒަހަމްވެއްޖެ އެވެ.

އިސްލާމް އާބާދުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނިގޮތުގައި ބާރުގަދަ އެއްޗެއް ގޮވާފައިވަނީ އަފްޣާނިސްތާނާ އިންވެގެންވާ ޖަމްރޫދު ވިލެޖްގައި ކަމަށާއި ގޮވި އެއްޗަކީ ކާރު ބޮމެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގަ އެވެ. ނަމަވެސް ޕާކިސްތާނު ފުލުހުން ބުނިގޮތުގައި ގޮއްވާލާފައިވަނީ ބޮމެކެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންނަށް ސަޕްލައި ގެންދަނީ މިބޮން ގޮއްވާލި ޖަމްރޫދު ވިލެޖުގެ ތެރެއިންނެވެ. މިބޮން ގޮއްވާލާފައިވަނީ ޖަމްރުދު ވިލެޖުގައި ހަރަކާތްތެރިވާ ޕާކިސްތާން ސަރުކާރުގެ އެހީތެރިންނަށް އަމާޒުކޮށްގެން ކަމަށާއި މިހާދިޝާގެ ފަހަތުގައި ވަނީ ޕާކިސްތާނުގެ ސަރުކާރާ ހަނގުރާމަ ކުރަމުން ގެންދާ ތާލިބާން ޖަމާއަތް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ހޯމަ ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރު ސަރަޙައްދުން ވަނީ މަރާލާފައިވާ ޕާކިސްތާން ސިފައިންގެ 10 މީހެއްގެ ހަށިތައްވެސް ފެނިފަ އެވެ. މި ހަށިތަކަކީ ތާލިބާނުންނާއެކު ބަދަލުކުރެވުނު ހަމަލާތަކަކަށްފަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގެ އުރުކްޒާއި ސަރަޙައްދުން ގެއްލިފައިވާ 10 މީހުންގެ ހަށިތައް ކަމަށް ޕާކިސްތާން ފުލުހުން ބުނެ އެވެ. (އަލްޖަޒީރާ)