19:00


ރައްޔިތުންގެ މަޖިލިހަކީ ވަކި ބާރެއް ކަމަށާއި އެތަނުގެ ޖަލްސާ ބޭއްވުމާއި ނުބޭއްވުމާ ދެމެދު ގޮތެއް ކިޔުމުގެ ހައިސިއްޔަތެއް ސިފައިންނަށް ލިބިގެންނުވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިސްގެ ކުލުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދުގެ އަމިއްލަފުޅު ބްލޮގުގައި ވިދާޅުވެފައި ވަނީ ޙާލަތަށް ބަލައި، މަޖިލީހުގެ ޖަލްސާ ނުބޭއްވެވުން އެދިވަޑައިގަންނަވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ބުދަ ދުވަހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ.


ނަމަވެސް ޤާނޫނު އަސާސީ ބުނާގޮތުން، ސިފައިން މިއަދު ޖަވާބުދާރީވާންޖެހެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަކަށް ނޫން ކަމަށާއި މަޖިލީހަށް ވެސް ހަމަ އެފަދައިން ޖަވާބުދާރީވާންޖެހޭ ކަމަށް ނަޝީދު ވިދާޅުފައިވެ އެވެ. އަދި މަޖިލީހުގެ ސަލާމަތަކީ، ސިފައިންނާއި ފުލުހުންނަށް ޤާނޫނު އަސާސީ ލާޒިމުކުރާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުފައިވެ އެވެ.


އަދި މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ނުފޮނުވާ ދޫނިދޫގައި ފުލުހުން ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާ ބެހޭ ގޮތުން ނަޝީދު ވިދާޅުފައި ވަނީ މަޖިލީހުގެ މެންބަރަކު ކުށެއްގެ ތަޙްޤީޤަށް ބަންދުކުރެވިފައި ވީ ނަމަވެސް، މަޖިލީހުގެ ޖަލްސާތަކަށް ޙާޒިރުވުމުގެ ޙައްޤު އެ ބޭފުޅުންނަށް ލިބިވަޑައިގެންވާ ކަމަށެވެ.


ކެބިނެޓުގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވުމުން މިހާރު މިއޮތީ މިލިޓަރީ ސަރުކާރެއްތޯ ބައެއް މީހުން އަހާ އުޅޭ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް މިހާރު މި އޮތީ މިލިޓަރީ ސަރުކާރެއް ނޫން ކަމަށާއި އިންތިޚާބުކުރެވިފައިވާ ރައީސަކު މަޤާމުގައި ހުރެ، ދައުލަތް ހިންގަމުން ދާހިނދު، މިލިޓަރީގެ "ޗެއިން އޮފް ކޮމާންޑް" އޮންނާނީ ރައީސްގެ އަތުގައި ކަމަށާއި މިލިޓަރީގެ "ޗެއިން އޮފް ކޮމާންޑް" ގެ ކޮންޓްރޯލް ރައީސަށް އޮތްހާ ހިނދަކު، މިލިޓަރީ ސަރުކާރެކޭ ނުކިޔޭނެ ކަމަށާއި އެފަދަ ސަރުކާރަކަށް ޖާގައެއް ވެސް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.