17 Aug 2020, 10:15
ރިޔާޟް (އޮގަސްޓް 17) : މުސްލިމުންގެ އެންމެ މުޤައްދަސް ދެ ޙަރަމްފުޅު ކަމަށްޥާ މަސްޖިދުލްޙަރާމްއާއި މަސްޖިދުއްނަބަވީގެ ކަންކަން ބަލަހައްޓާ ސައޫދީ އިދާރާގެ އިސް މަގާމުތަކަށް އަންހެނުން ލައްވައިފި އެވެ.
"އައްރިޔާސާ އަލްއާންމާ ލިޝުއޫނުލް ހަރަމައިން އައްޝަރީފައިން" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއިދާރާގެ އިސް މަގާމުތަކުގެ ތެރޭގައި ހިމެނޭ ދިހަ މަގާމަކަށް އަންހެން ބޭފުޅުން އައްޔަންކޮށްފައިވާ ކަމުގަ އެވެ. މިއީ އެއިދާރާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ޓަކައި، އަންހެނުންގެ ބައިވެރިވުން މުހިއްމުކަމަށް ފެނުމާ އެކު ދެޙަރަމްފުޅުގެ އިދާރާގެ ވެރިޔާ ޑރ. އައްޝައިޚް ޢަބްދުއްރަޙްމާން އައްސުދައިސްގެ ލަފާގެމަތިން ސައޫދީ ސަރުކާރުން ނިންމި ނިންމުއް ކަމުގަ އެވެ.
ދެ ޙަރަމްފުޅުގެ އިދާރާއަށް އަންހެނުން އިސްކުރި މަގާމުތަކުގެ ތެރޭގައި އިސްލާމީ ދައުވާއާއި އިރުޝާދާ ބެހޭ ޑިޕާޓްމަންޓްގެ މުޝީރުކަމާއި ތަރައްގީއާ ބެހޭ ޑިޕާޓްމަންޓާއި އިދާރީ ޑިޕާޓްމަންޓާއި ބަހުގެ ޑިޕާޓްމަންޓާއި ފަންނީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓާ އަދި އިންޖިނޭރިންގް ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާގެ މަގާމުތައް ހިމެނެ އެވެ. މީގެ އިތުރުން ސައޫދީ ސަރުކާރުންވަނީ ގެފުޅުގެ އުރަކޮޅު (ކިސްވާ) ތައްޔާރު ކުރުމުގެ މަސައްކަތް ކުރާ މަރުކަޒުކަމަށްވާ "މުޖައްމަޢުލްމަލިކު އަބްދުލްއަޒީރު ލިކިސްވަތިލް ކަޢްބާ އަލްމުޝައްރަފާ"ގެ ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތަކަށް ވެސް ގިނަ އަދަދެއްގެ އަންހެނުން އިސްކޮށްފަ އެވެ.

ގެފުޅުމިއީ ސައޫދީ އަންހެނުން ގޭގައި ބޭތިއްބުމަށް ސައޫދީން ކުރިން ގެންގުޅުނު އުސޫލު މުޅިން ބަދަލުކޮށް އަންހެނުން މަސައްކަތްތަކަށް ނެރުމަށް ސައޫދީ ސަރުކާރުގެ ސިޔާސަތަށް މިފަހަކަށް އައިސް ގެނައި ބަދަލުތަކާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކެއް ކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ.
ސައޫދީ ސަރުކާރާއި ރަސްމީ އިދާރާތަކުގެ އިސް މަގާމުތަކަށް އަންހެނުން ނެރުމަކީ އެގައުމުން ކުރިން ހިއްވަރުދޭކަމެއްނޫނެވެ. އަދި ކުރާކަމެއް ވެސް ނޫނެވެ. ސައޫދީ ދީނީ އިލްމުވެރިން ވެސް ކުރިން ފަތުވާ ދެއްވަމުން ގެންދެވީ ކުދިންބެލުމަށާއި ފިރިމީހާއާއި އާއިލާއަށް އާޅާލައި ޚިދުމަތް ކުރުމަށްޓަކައި އަންހެނުން ގޭގައި ތިބުން މުހިއްމުކަމުގެ މައްޗަށެވެ. ނަމަވެސް ސައޫދީ ސަރުކާރުގެ ސިޔާސަތަށް ގެނައި މިބަދަލާއެކު ސައޫދީ ދީނީ އިލްމުވެރިންގެ ފަތްވާއާއި ރައު ވެސް ވަނީ މުޅިން ބަދަލުވެފަ އެވެ.
މިހާރު ސައޫދީ ދީނީ އިލްމުވެރިން އިރުޝާދު ދެއްވަނީ އަދި ހިއްވަރު ދެއްވަނީ ވެސް އަންހެނުން ގެއިން ބޭރު މަސައްކަތަކަށާއި ވަޒީފާތަކަށް ނެރުމަށެވެ. ދާދިފަހުން ސައޫދީ ފުލުހުންނާއި ސިފައިންގެ ތެރެއަށްވެސް ވަނީ އަންހެނުން ވައްދަން ފަށާފައެވެ.
އަންހެނުންނާމެދު ސައޫދީ ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުވީ ސައޫދީން ހުރިހާ ކަމެއްގައި ވެސް ބަރޯސާވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ރުހުން ހޯދުމުގެ ބޭނުމުގައި ކަމަށް ސައޫދީ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.
މީގެ އިތުރުން ސައޫދީ ސަރުކާރުން ވަނީ އެގައުމުގައި މިޔުޒިކީ ބޮޑެތި ހަފްލާތައް ވެސް ބޭއްވުމުގެ ފުރުސަތު ދީ އެހެން ގިނަ ގައުމުތަކުގައި ވެސް އޮންނަ ބާވަތުގެ ބިކިނީ ބީޗްތައް ވެސް ސައޫދީގެ ވަކި ސަރަހައްދުތަކެއްގައި ތައާރަފްކޮށްފަ އެވެ. އަދި ޒުވާނުންނަށް މިޔުޒިކާއި މިޔުޒިކްގެ ހުނަރާއި އޭގެ ފަންނުތައް ދަސްކޮށްދޭ ރަސްމީ މަރުކަޒެއް ވެސް ސައޫދީ ސަރުކާރުން މިހާރުވަނީ ގާއިމްކޮށްފަ އެވެ. މިއީ ކުރިން ސައޫދީގައި މަނާކޮށްފައިވާ ކަންކަމެވެ. (ނޫސްއެޖެންސީތައް + ސައޫދީ ނޫސްއެޖެންސީ)