17 Aug 2020, 09:27
ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަތުމަށް ކުރި މަސައްކަތުގެ ތެރެއިން މަކަރާ ހީލަތް ހަދާފައިވާ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް ވެސް ތަހުގީގު ހިންގަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީއިން ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުނި އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެކަމުގައި ދޮގާއި މަކަރު ހަދާފައިވާކަން އެ ރިޕޯޓުން ފާހަގަވެ އެވެ.
އެކަމާ ގުޅިގެން ޝިޔާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓު ބެލުމުން ފެންނަނީ ހަމައެކަނި އެ މިނިސްޓްރީގެ މައްސަލަ ނޫން ކަމަށެވެ.
"މާލިއްޔަތު ގާނޫނާ ހިލާފަށް ފިނޭންސް މިނިސްޓަރު ވެންޓިލޭޓަރުތަކުގެ ޓޯޓަލް ވެލިއުގެ 90 ޕަސެންޓް ޕޭ ކުރުން އެއީ ހިންގާފައި އޮތް ބޮޑު ޖަރީމާއެއް. ތަހުގީގު ކުރަން ޖެހޭ." ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައިވަނީ ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލައި ދޮގު ހެދި ކަމަށް ބުނެ އޮޑިޓް އޮފީހުން ނެރުނު ރިޕޯޓާއި ގުޅިގެން އެކަމުގައި ބައިވެރިވާ އެންމެނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެމައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ އެ އޮޑިޓްތަކުން ފާހަގަވި ކަންކަން ބަލާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރުވެސް ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަރުކާރުގެ އެކި އޮފިޝަލުން ވަނީ ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް ކުންފުންޏަކީ ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯއިން ރިކޮމެންޑްކޮށްގެން ހަވާލުކުރި ކުންފުންޏެއް ކަމަށް ވިދާޅުވެފަ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 75 ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީއިން ހަވާލުކުރި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އާ ޑަބްލިއުއެޗްއޯ އާ އެއްވެސް މުއާމަލާތެއް ކުރެވިފައެއް ނުވެ އެވެ. އަދި ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއްވެސް އެ ޖަމިއްޔާއިން ފޯރުކޮށްދީފައެއް ނުވެ އެވެ.
އެހެންނަމަވެސް ހެލްތު މިނިސްޓްރީއިން ފިނޭންސް މިނިސްޓްރީއަށް އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އެ ޖަމިއްޔާއިން ފޯރުކޮށްދިން ސަޕްލަޔަރުންގެ ލިސްޓުގައި ހިމެނޭ ކުންފުންޏެއްކަމަށް ދޭހަވާގޮތަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ހެލްތު މިނިސްޓްރީގެ ފިނޭންސް އެގްޒެކިއުޓިވް އެ މިނިސްޓްރީގެ ބިޑް ކޮމިޓީއަށް ފޮނުވި މެމޯގައިވެސް މިފަދަ ގޮތަކަށް ބުނެފައިވާކަމަށް ވަނީ އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.