މިފަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، އެ ޕާޓީން ވަކިކުރުމަށް ނަޝިދު ހުށަހަޅުއްވައިފި އެވެ.

މަޖިލީސް ރައީސްކަން ވެސް ކުރައްވާ ނަޝީދު މިގޮތަށް ހުށަހެޅުއްވީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕުގަ އެވެ.

"ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރުކަންމުން ވަކިކުރުމަށް އަޅުގަނޑު ހުށަހަޅަން،" ރައީސް ނަަޝީދު ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

އެ މެސެޖުގައި ސައްހަކަން އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުން ވަނީ "ސަން"އަށް ޔަަގީން ކުރެވިފަ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމުން، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ރައީސް ނަޝީދު ހުށަހެޅުމަށް ތާއީދު ކުރައްވާކަމަށް މެސެޖް ކުރެއްވި އެވެ. ޝިޔާން ވިދާޅުވީ، ރޮޒައިނާ ޕާޓީން ވަކިކުރުމަށް މާ ލަސްވެސް ވެއްޖެ ކަމަށެވެ.

ރައީސް ނަޝީދު ރޮޒައިނާ ވަކިކުރުމަށް ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕަށް ހުށަހެޅުއްވި އިރު، އެމަނިކުފާނު އިސްވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މަގާމުން ވަކިކުުރުމަށް އިތުރުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަަތް ކުރަމުންނެެވެ. އެއާއެކު އެމްޑީޕީ ތެރޭގައި ހިޔާލުތަފާތުވުން އުފެދިފަ އެވެ.

ފައްޔާޒު ވަކިކުރުމަށް ފާޅުގައި ދެކޮޅު ހައްދަވަމުންދާ އެއް މެމްބަރަކީ، ރޮޒައިނާއެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ރޮޒައިނާ ދަނީ ނަޝީދަށް ނުސީދާކޮށް ޓްވީޓާގައިވެސް ބަހުގެ ހަމަލާތަކެއް މީގެ ކުރިން ދެއްވައިފަ އެވެ. ގައުމެއްގައި އެއްފަހަރާ ދެ ރައީސުންނަކަށް ވެރިކަން ނުކުރުވޭނެ ކަމަށާއި އެކަމަނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ޕާޓީގެ ލީޑަރަކީވެސް ރައީސް ސޯލިހް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރެއް އޮއްވާ މަޖިލީހުގައި އެމްޑީޕީއިން އިދިކޮޅު ޕާޓީއަކަށް ހެދިގެން އުޅުނު ބަލައިނުގަނެވޭ ކަމަށާއި އެއީ ބޮޑުވަރު ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް އެމްޑީޕީ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި ރޮޒައިނާއަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، "ރޮޒޭގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެކަން ކަށަވަރު" ކަމަށެވެ. އަދި އެމަނިކުފާނަކީ ކުޑަކުއްޖެއް ނޫން ކަން ދަންނަން ވާނެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ޕާޓީ ތެރޭ "ވަކި ޕަވާބޭސް" އާއި "ނެޓްވޯކް" ހަދައިގެން އުޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމުގައި ހުންނެވުމަށްފަހު، ރޮޒައިނާ އެމްޑީޕީއަށް ސޮއި ކުރެއްވީ، 21 ނޮވެމްބަރު 2013ގަ އެވެ. އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ރޮޒައިނާ ވިދާޅުވީ އެ ޕާޓީގައި ހުންނަން ފަހުރުވެރިވާ އެއް ސަބަބަކީ ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ހިތްވަރުގެ ސަބަބުން ކަމަށެވެ. ނަޝީދުގެ ހިތްވަރަކީ މުޅި ދުނިޔެއަށް ވެސް ހުރި މިސާލެއް ކަމަށާއި އެމްޑީޕީއަށް ސޮއި ކުރެއްވުމުގެ ކުރިން ވެސް އެމަނިކުފާނުގެ ހިތްވަރުން ހިތްވަރު ލިބިގަނެގެން މަސައްކަތްޕުޅު ކުރެއްވި ކަމަށް ރޮޒައިނާ އޭރު ވިދާޅުވި އެވެ.

ދެހާސް ތޭރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު، ރޮޒައިނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، އޭނާއާްއެކު، އޭނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒްވެސް އެޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. ނާސިޒުވެސް ވަނީ އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ މަޖިލިސް ގޮޑި ކާމިޔާބު ކުރައްވައިފަ އެވެ.