ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ހާމަކުރީ ހެލްތް މިނިސްޓްރީން ދިން މައުލޫމާތުތައް ކަމަށާއި، އޮޑިޓް އޮފިހުން މިއަދު ހާމަކުރި އޮޑިޓް ރިޕޯޓުގައިވާ ކަންކަން ބަލައި، އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް، އޭރުގެ ކޮވިޑް އޮޕަރޭޝަންގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ކޮވިޑް19 ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފައިވަނީ، ކޮވިޑާއި ގުޅިގެން ރާއްޖެއިން ބޭރުން ވެންޓިލޭޓަރުތައް ގެނައުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކުރި އެވެ. އެއީ މެޑްޓެކް، ނާޑު އަދި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އެވެ. އެގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއޯއީސީ)ގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އެންއޯއީސީގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ، ވެންޓިލޭޓަރުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގައި އޭނާ އެއްވެސް ކަމެއް އޮޅުވާލާފައި ނުވާނެކަމަށެވެ. އަދި އޭރު ހާމަ ކުރެއްވީ ހެލްތް މިނިސްޓްރީން ދިން މައުލޫމާތުތައް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"އެންއޯއީސީގެ ތަރުޖަމާނުކަމާ ހަވާލުވުމަށްފަހު، ދިން ކޮންމެ މައުލޫމާތަކީ އެކަމާ ގުޅުން ހުރި އިދާރާތަކުން މައުލޫމާތުތައް ސާފު ކުރުމަށްފަހު ދިން މައުލޫމާތުތައް. ހަމަ އެގޮތަށް ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ދިން މައުލޫމާތުތަކަކީވެސް ހެލްތް މިނިސްޓްރީން ކިޔައިދިން މައުލޫމާތުތައް،" ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މަބްރޫކު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން އޭރުވެސް ނޫސްވެރިން އެތަކެއް ސުވާލުތަކެއް އެންއޯއީސީއާ އަމާޒު ކުރިއެވެ. މަބްރޫކު ވިދާޅުވީ، އެއާއެކު އެކަން ހިނގައިދިޔަ ގޮތް ސާފުކުރައްވަން، އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަސައްކަތްކުރެއްވި ކަމަށެވެ.

"ނޫސްވެރިން އެގޮތަށް ސުވާލު ކުރުމުން ހެލްތް މިނިސްޓްރާއި މިނިސްޓްރީން ކިޔައިދިން ގޮތަށް އަޅުގަނޑު މައުލޫމާތުތައް ހާމަ ކުރީ. އަޅުގަނޑުގެ ޖޮބަކަށްވީ، މައުލޫތުތައް ސާފު ކުރުމަށްވެސް އެވާހަަކަތައް ތަފްސީލުކޮށް ކިޔައި ދިނުން. ހަމަ އެގޮތަށް މިނިސްޓަރުވެސް [އަމީން] ވަނީ އެންއޯއީސީގެ ޕްރެސްތަކުގައި އަދި މަޖިލީހުގައިވެސް އެގޮތައް ވެންޓިލޭޓަރުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައި،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އޭރުވެސް އޭނާ ހާމަ ކުރެއްވި މައުލޫމާތުތަކަކީ، އިދާރާތަކުން ސާފުކޮށްގެން ދެއްވި މައުލޫމާތުތައއްކަން ދަންނަވާފައިވާނެ ކަމަށާ އަދި ފާރަވެރިވާން ޖެހޭ މުއައްސަސާތަކުން އެކަންކަން ފާރަވެރިވުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް މުއައްސަސާތަކަށް ހުށަހެޅުމަށްވެސް އޭރު އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އޮޑިޓާ ޖެނެރަލް މިގޮތަށް ކަންތައްތަކެއް ފާހަގަކޮށް ރިޕޯޓެއް ނެރުމަކީ، ކޮށްފައިވާ ރަނގަޅު ކަމެއް. އަޅުގަނޑު ގަބޫލު ކުރަނީ، މި މައްސަލަ އަވަހަށް ބެލި އަވަހަށް ފިޔަވަޅު އަޅާނެ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ.

ރިޕޯޓް ގުޅިގެން ވަކި މީހަކަށް ބެލުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުންވެސް މިރޭ ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީއިން ދުބާއީގެ އެގްޒެކިއުޓާރ ޖެނެރަލް ޓްރޭޑިންގް ކުންފުނި މެދުވެރިކޮށް ގަންނަން ހަމަޖެހިފައިވާ 75 ވެންޓިލޭޓަރުތަކުގެ ތެރެއިން ލިބުނު ވެންޓިލޭޓަރު ތަކަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ ގަތުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން އޮޓިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ ތަހުގީގުކޮށްދިމުމަށްވެސް އޮޑިޓާ ޖެނެރަލް ވަނީ އެދިފައެވެ.