16 Aug 2020, 21:49
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޚަރަދު ކުރި ގޮތާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓާ ގުޅިގެން ވަކި މީހަކަށް ބެލުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމަނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓެއް އާންމުކޮށްފަ އެވެ.
އެ ރިޕޯޓްތަކުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ފަރާތްތަކުން އަމުލުކޮށްފައިވާކަން އެނގެން އޮތް އިރު، ހޫދު ވިދާޅުވީ، އެ ރިޕޯޓްތައް ރަސްމީކޮށް މާދަމާ ރައީސަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"އޮޑިޓް ރިޕޯޓްތަކާ ގުޅިގެން ވަކި މީހަކަށް ބެލުމެއްނެތި ރައީސް ފިޔަވަޅު އަޅުއްވާނެ،" ހޫދު ވިދާޅުވި އެވެ.
ކޮވިޑް19 އާ ގުޅިގެން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފަ އެވެ. އަދި ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި ޚަރަދުތަކުގެ 99 ޕަސެންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ޚަރަދުތަކެއް ކަމަށް، މީގެ ކުރިން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.