ރާއްޖޭގައި ދީނީ މިނިވަން ކަމަށް ގޮވާލި މައްސަލާގައި ފުލުހުން ހައްޔަރުކުރި ހިއްލަތު ރަޝީދު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހިއްލަތު ދޫކޮށްލީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އޭނާ ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށް ފަހު ކަމަށެވެ. އަދި އެ މައްސަލަ ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ހިއްލަތު ދޫކޮށްލީ ތަހްގީގު ނިމި، އިތުރަށް ހައްޔަރުގައި ބަހައްޓަން ނުފެންނާތީ،" އޮފިޝަލް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކުގެ ދުވަހާ ދިމާކޮށް ޑިސެމްބަރު 10 ވަނަ ދުވަހު ވިއްސަކަށް މީހަކު އާޓިފިޝަލް ބީޗަށް އެއްވެ، ދީނީ މިނިވަން ކަމަށް ގޮވަން ފެށުމުން އެ ސަރަހައްދުގައި ތިބި ބަޔަކު ވަނީ އެމީހުންނާ ދިމާލަށް އޮއްގާ އުކައިފަ އެވެ.

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ހާޒިރުކުރެއްވުމުން ވިދާޅުވެފައި ވަނީ ދީނީ މިނިވަންކަމަށް ގޮވާލުމުން ގާނޫނީ ގޮތުން ރާއްޖޭގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި އެއީ ދީނުގައި ކަނޑައެޅިގެން ހުކުމެއް އޮތް ކަމެއް ނޫން ކަމަށެވެ.