16 Aug 2020, 21:17
މަސައްކަތް މެދުކެނޑިފައި އޮތް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހަރަކާތްތައް އަލުން ފަށަން ނިންމައި މެމްބަރުންނަށް ވުމަށް އަލުން ހުޅުވާލައިފި އެވެ.
އެމްޖޭއޭ އިން މިރޭ ނެރުނު އިިއުލާނެއްގައި ބުނީ، ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތް މިނިސްޓްރީގެ އިރުޝާދާ އެކު، އަލުން އެ ޖަމިއްޔާގެ މަސައްކަތްތައް ފެށުމަށް، މަސްއޫލިވެރިން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް، ޔޫތް މިނިސްޓްރީގެ ފަރާތުން އެ ޖަމިއްޔަާގެ ހިންގާ ކޮމިޓީ އިންތިހާބު އަންނަ މަހު 13 ގެ ކުރިން ބޭއްވުމަށް އަންގާފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެގޮތުން، ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާއެއް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އާ ހިންގާ ކޮމިޓީއެއް އިންތިހާބު ކުރަން ނިންމާފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައި ބުނީ ޖަމިއްޔާ، ނުހިންގާ ގިނަ ދުވަސްތަކެއް ވެފައި ވުމުގެ ސަބަބުން، ޖަމިއްޔާގެ މެމްބަރުންގެ ދަފްތަރުގެ ސައްހަކަން ގެއްލިފައިވާތީ އަލުން މެމްބަރު ކަމަށް ހުޅުވާލާ ކަމަށެވެ.
ދިވެހި ހުރިހާ ނޫސްވެރިން، ފްރީލާންސާސް، ކޮންޓްރިބިއުޓާސް، ފޮޓޯގްރާފާސް، ކާޓޫނިސްޓުން، އާޓީސްޓުން އަދި އެޑިޓަރުންނަށް ޖަމިއްޔާގެ މެމްބަރަކަށް ވުމަށް ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.
ޖަމިއްޔާގެ މެމްބަރަކަށް ވުމަށް ހުޅުވާލެވެއިފައިި ވަނީ މިއަދުން ފެށިގެން މިމަހުގެ، 31 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.
މި ފުރުސަތުގައި މެންބަރަކަށް ނުވާ ފަރާތްތަކަށް ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ބާއްވާ، އާ ހިންގާ ކޮމިޓީ އިންތިހާބު ކުރެވެންދެން މެންބަރަކަށް ވުމުގެ ފުރުސަތު ނޯންނާނެކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މެމްބަޝިޕްގެ އާ ދަފްތަރު އަންނަ މަހު އެއް ވަނަ ދުވަހު އާންމުކޮށް އިއުލާން ކުރެވޭނެ ކަމަަށް އެމްޖޭއޭ އިން ވަނީ ބުނެފަ އެވެ.
އެ ދަފްތަރަށް ޝަކުވާ ހުށަހެޅުން، އަންނަ މަހު ތިނެއްގެ މެންދުރު 2:00އަށް ހުޅުވާލަން ވެސް ވަނީ އެ ޖަމްއިއްޔާއިން ނިންމައިފަ އެެވެ. ޝަކުވާތައް ބަލައި އިސްލާހުކޮށްފއިވާ ފައިނަލް ދަފްތަރު އާންމު ކުރަން ހަމަ ޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާގައި ބައިވެރިވުމާއި ހިންގާ ކޮމިޓީ އިންތިހާބު ކުރަން ވޯޓް ދެވޭނީ، އެ ލިސްޓަށް ކަމަށް އެ ޖަމްއިއްޔާއިން ވަނީ ހިމަނައިފަ އެވެ.
---
މެންބަރޝިޕް ފޯމް އީމެއިލް ކުރުން މައުލޫމާތު ހޯދުން:[email protected]
މެމްބަރޝިޕް ފޯމް ހަވާލު ކުރުމާ މައުލޫމާތު ދިނުން: މުހައްމަދު މުޒައްޔިން ނާޒިމް / 7800753
މުއައްސިސުންގެ ފަރާތުން މައުލޫމާތު ހޯއްދެވުމަށް: އަލީ ޝަމްއާން / ފައުންޑަރ: 7785669
މެމްބަޝިޕް ފޯމާއި އެހެންވެސް ލިޔުންތައް ޑައުންލޯޑް ކުރުމަށް:https://we.tl/t-7btNRgvp8g
---
އެމްޖޭއޭ އަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި އެތަކެއް ގޮންޖެހުމަކަށް މީގެ ކުރިން އެޑްރެސްކޮށް އަޑުއުފުލާ އެކަމުގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފަ އެވެ. އަދި ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ހޯދައިދީފައިވެ އެވެ.
ޖަމްއިއްޔާގެ ހަރަކާތްތައް އަލުން ކުރިއަށް ގެންދިޔުމުގައި އެންމެހާ ދިވެހި ނޫސްވެރިންގެ ބައިވެރިވުމަށް އެ ޖަމްއިއްޔާއިން ވަނީ އެދިފަ އެވެ.