16 Aug 2020, 20:21
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހާއްސަކޮށްގެން ފަތާ ފެންގަނޑެއް ހައްދަވައިދެއްވަން ބުނެފައި ނުވާނެ ކަމަށާއި އެ އެޅެނީ ދައުލަތުގެ ފައިސާއިން ވައްކަން ކުރަން ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ބައްދަލުކޮށް، ރައީސް ޔާމީނަށް ފެތޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވަނީ އެދިފަ އެވެ.
އެކަމާއި ގުޅިގެން އިމްރާން ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް މޫދަށް އެރި ފެތޭނޭ އިންތިޒާމް ހަމަޖެއްސުމަށް މާފުށީ ޖަލުގައި ޓްރެކެއް ހަދަން ފަށައިފައިވާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ފަތާ ފެންގަނޑެއް ހެދުމަށް އެދިފައި ނުވާނެ ކަމަށެވެ.
"ރައީސް ޔާމީނެއް ނޫޅެ ފައްތަވަން ވަޑައިގަންނަވަން ފެންގަނޑެއް ހޯއްދަވަން ވެގެންނެއް. ޝެއިހް އިމްރާން އެ އުޅެނީ ވަރަށް ބޮޑަށް އޮޅިވަޑައިގަނެގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅުން އެދުނީ ރައީސް ޔާމީނަށް ކަސްރަތު ކުރެއްވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ކަންތައް އޮތް ހިސާބެއް ސާފު ކުރުމަށް ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ ކޯލިޝަނުން ހޯމް މިނިސްޓަރު އަރިހުގައި ފަތާ ފެންގަނޑެއް ހެދުމަށް އެދިފައި ނުވާނެ ކަމަށާއި، ރައީސް ޔާމީނަކީ ކުރިން ވެސް މައިބަދައިގެ ބައްޔެއް ހުންނަ ބޭފުޅަކަށް ވުމުން ކަސްރަތު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.
"ހޯމް މިނިސްޓަރު އެ އުޅުއްވަނީ ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން އަނެއްކާ ވެސް ވައްކަމެއް ކުރެއްވޭތޯ ފަތާ ފެންގަނޑެއް ހަދަން. ފަތާ ފެންގަނޑެއް ހަދާކަށް އެތާ ނުޖެހޭ. އަޅުގަނޑުމެން ދެންނެވީ އެތާ ރައީސް ޔާމީނަށް ފަތާލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭށޭ. ކުރިން ވެސް އޮތް ގޮތަށް،" ޝުޖާއު ވިދާޅުވި އެވެ.
މާފުށީ ޖަލު ސަރަހައްދުގައި ފަތާ ފެންގަނޑެއް ހަދާ ސަބަބު މިނިސްޓަރު އިމްރާން ވަނީ ސާފު ކޮށްދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، މާފުށި ހިއްކަން ފެށުމުން ޖަލު ސަރަހައްދުގެ މޫދަށް ވަރަށް ބާރު އޮއެވަރެއް އައި ކަމަށާއި އެހެން ކަމުން އެ ހިސާބުން ފެތުމުގެ އިންތިޒާމް މެދު ކެނޑިފައިވާ ކަމަށެވެ.
"އަޅުގަނޑު އެތަނަށް ގޮސް ބެލިއިރު، މާފުށި ހިއްކަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މޫދަށް އެރެން އޮތް ތަނަށް ވަރަށް ބާރު އޮއިވަރެއް އައި. އެހެންވެ އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ނުކުރޭނެކަމަށް އެ ހާލަތުގައި ރައީސް ޔާމީން މޫދަށް އެރުވާކަށް. އެހެންވެ [އަޅުގަނޑު ދެންނެވިން] އެތަނުގައި ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފައި، މޫދަށް އެރޭނެ އިންތިޒާމް ހަމަ ޖައްސާނަމޭ،" މިނިސްޓަރު އިމްރާން ރޭ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، އެ ސަރަހައްދުގައި ޓްރެކެއް ގާއިމުކުރުމަށް މަސައްކަތް ކުރިތަނާ ކޮވިޑާ ގުޅިގެން ފުރަބަންދުގެ ހާލަތެއް އައުމުން މުޅި މަސައްކަތް ހުއްޓުމަކަށް އައި ކަމަށެވެ.