ފިލިޕީނުގެ 39 ކުޑަކުއްޖަކަށް ލިވާ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދު، 47، ހޯދަދީފި އެވެ.

ޓުވިޓާގައި ސޯނޫ އަށް ޓެގްކޮށް މީހަކު ކުރިން ޓްވީޓަކަށް ޖަވާބުދެމުން ސޯނޫ ބުނީ މި ކުދިން އިންޑިއާއަށް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ގެންނާނެ ކަމަށާއި އިންޑިއާއަށް އައުމަށް އެންމެ ފަހުގެ ތައްރާރީތައް ވުމަށެވެ. މި ކުދިން ގެންނަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށެވެ.

އުމުރުން އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފަރުވާދޭނެކަން އިއުލާންކުރުމާ އެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފްކުރަމުންނެވެ. ކޮވިޑާ ގުޅިގެން ދަތުރުކުރުން މަނާކުރުމާ އެކު އެ ކުދިންނަށް ދިއްލީއަށް އައުމުގެ މަގު ބަންދުވުމުން ސޯނޫ ވަނީ އެ ކުދިން އިންޑިއާއަށް ގެނައުމުގެ ދަތުރު ހަމަޖައްސައިދީފަ އެވެ.

އެކްޓަރު ސޯނޫ ވަނީ މީގެ ކުރިން ވެސް އާންމުންގެ ގިނަ ބަޔަކަށް އެހީތެރިވެފަ އެވެ. އެގޮތުން ކޮވިޑްއާ ގުޅިގެން އިންޑިއާގައި ހާލުގައި ޖެހި މަގުމަތިވި މީހުންތަކަކަށް އޭނާ ވަނީ މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އާއިލާތަކާއި ދުރުގައި ތިބި އެތައް ބަޔަކު އާއިލާތައް ގާތަށް ގެންގޮސްދީފައިވެ އެވެ.