16 Aug 2020, 19:11
ހެލްތު މިނިސްޓްރީއިން ދުބާއީގެ އެގްޒެކިއުޓާރ ޖެނެރަލް ޓްރޭޑިންގް ކުންފުނި މެދުވެރިކޮށް ގަންނަން ހަމަޖެހިފައިވާ 75 ވެންޓިލޭޓަރުތަކުގެ ތެރެއިން ލިބުނު ވެންޓިލޭޓަރު ތަކަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ ގަތުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވެގެން ދިޔައީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުންނެވެ.
ރިޕޯޓުގައިވާ ގޮތުން ހެލްތު މިނިސްޓްރީގެ ފަންނީ ޓީމަކުން ވަނީ ދުބާއީ ކުންފުނި މެދުވެރިކޮށް ގެނައި ވެންޓިލޭޓަރުތަކުގެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށް އެ ތަކެތި ބަލައި ނުގަތުމަށްވެސް ލަފާ އަރުވާފަ އެވެ.
އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހެލްތު މިނިސްޓްރީއާ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް އާ ދެމެދު ގަތުމަށް އެއްބަސްވެފައިވަނީ "ވެއިންމަން" އަދި "ޑްރިގާ" ބްރޭންޑްގެ ވެންޓިލޭޓަރު ތަކެކެވެ. މިއީ ހެލްތު މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރުންވެސް އިވެލިއުއޭޓް ކުރި ބްރޭންޑްގެ ވެންޓިލޭޓަރު ތަކެވެ.
މި ދެ ބްރޭންޑްގެ ވެންޓިލެޓަރުތަކާ ގުޅޭގޮތުން މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރުން ވަނީ "ޑްރިގާ" ބްރޭންޑްގެ ވެންޓިލޭޓަރުތަކުގެ އިތުރު ސާމާނު އަދި ވޮރެންޓީގެ މައުލޫމާތު ނުލިބޭކަމަށް ފާހަގަކޮށްފަ އެވެ.
އަދި "ވެއިންމެން" ބްރޭންޑްގެ ވެންޓިލޭޓަރުތަކަކީ މަތިންދާބޯޓަށް ނޭރުވޭ އެއްޗެއްކަމަށްވެސް ފާހަގަކޮށްފައެވެ. އެހެންނަމަވެސް ބިޑް ކޮމިޓީއިން އެގްޒެކިއުޓާޒް ޖެނެރަލް އަށް ވެންޓިލެޓަރު ގެނައުމަށް ހަވާލުކޮށްފައިވަނީ މީގެ އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށްކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މިކަންކަމާ އެކު އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންގް ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ހިމެނޭ ޕްރޮފޯމާ އިންވޮއިސްގައި ހުރި ވެންޓިލޭޓަރުތަކުގެ ބްރޭންޑް ފުށުއެރުންތަކެއް އުޅޭކަމަށް ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން އެ އިންވޮއިސްގައި ގަތުމަށް ހަމަޖެހިފައިވާ ބްރޭންޑްގެ ވެންޓިލޭޓަރަކީ "ޖިއުޖިއުޒިން" ބްރޭންޑްގެ "ޖޭ.އެކްސް 100" މޮޑެލްގެ ވެންޓިލޭޓަރާއި "ސީ 100-އޭއާރު" ބްރޭންޑްގެ ވެންޓިލޭޓަރު ތަކެކެވެ. މިއީ މިނިސްޓްރީއިން ގަތުމަށް ހުށަހެޅި ވެންޓިލޭޓަރު ބްރޭންޑެއް ނޫނެވެ.
އަދި އޯޑިޓް އޮފީހުން ހެލްތު މިނިސްޓްރީގެ ގުދަނަށް ކުރި އިންސްޕެކްޝަން ޒިޔާރަތެއްގައި އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް އިން ސަޕްލައި ކުރިކަމަށް ބުނާ 11 ވެންޓިލޭޓަރެއް ފެނިފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރުން ވަނީ މިއީ މިނިސްޓްރީއިން ކުންފުންޏަށް އަގު ހުށަހެޅި ބްރޭންޑެއް ނޫންކަމަށް އަދި މި ވެންޓިލޭޓަރުތަކުގައި މުހިންމު ފީޗާޒްތަކެއް ނުހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި މި މައްސަލައިގައި އައިޖީއެމްއެޗުގެ ތިން ޑޮކްޓަރުންނާއި، ދެ ނަރުހުން އަދި މިނިސްޓްރީގެ ބަޔޯމެޑިކަލް ދެ އިންޖިނިއަރުން ހިމެނޭ ފަންނީ ޓީމަކުން ވަނީ މި ވެންޓިލޭޓަރުތަކުގެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށް ވެންޓިލޭޓަރުތަކުގެ ބޭނުން ނުހިފޭނެކަމަށް ބުނެ މި ތަކެތި ބަލައިނުގަތުމަށް ލަފާދީފަ އެވެ.
އަދި މީގެ އިތުރުންވެސް އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގްއަށް ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުނިތައް މެދުވެރިކޮށް ހޯދުމަށް ހަމަޖެހުނު ވެންޓިލޭޓަރުތަކުގެ އަގަށް ވުރެ ބޮޑު އަގެއްގައިކަމަށްވެސް އޯޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މެޑްޓެކް މެދުވެރިކޮށް ގެނައުމަށް ހަވާލުކުރެވުނު ވެންޓިލޭޓަރުތަކުގެ އަގަކީ ވެންޓިލޭޓަރަކަށް 288،914 ރުފިޔާ އެވެ. އަދި ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ގެނައުމަށް ހަމަޖެހުނު ވެންޓިލޭޓަރުތަކުގެ އަގަކީ ވެންޓިލޭޓަރަކަށް 351،577 ރުފިޔާ އެވެ.
އެހެންނަމަވެސް އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް މެދުވެރިކޮށް ގެންނަން ހަމަޖެހުނު ވެންޓިލޭޓަރުތަކުގެ އަގަކީ ވެންޓިލެޓަރަކަށް 501،150 ރުފިޔާ އެވެ.