މިދިޔަ ޖޫން މަހު މަރުވި ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު ،34، ހިންދީ ސިނަމާއަށް ކޮށްދިން ކަންތައްތައް އަގުވަޒަންކޮށް އޭނާއަށް ނޭޝަނަލް އެވޯޑު ދޭން ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާއިން ބުނީ ކުރިއަށް އޮތް 67 ވަނަ ނެޝަނަލް ފިލްމު އެވޯޑު ހަފްލާއާ ދިމާކޮށް ސަރުކާރުން ސުޝާންތުގެ ފިލްމުތަކަށް ހާއްސަ ފެސްޓިވަލެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އިވެންޓު ވަރަށް ހާއްސަ ވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ސުޝާންތުގެ މަރާއެކު ގިނަ ބަޔަކަށް ސިހުން ގެނެސްފައިވާ އިރު ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް އަސަރުވެސް ކޮށްފަ އެވެ.

ސުޝާންތަށް ގައުމީ އެވޯޑު ދޭން ނިންމިއިރު އޭނާ ދުނިޔޭގައި ހުރިއިރު އޭނާ އާ ދޭތެރޭގައި ބޮލީވުޑްގެ ގިނަ ބައެއް ނާއިންސާފުން ކަންތައްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ.

ކޮވިޑް އާ ގުޅިގެން އިންޑިއާގެ ފިލްމު އެވޯޑު ހަފްލާ ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. މި އެވޯޑް ހަފްލާގައި އެވޯޑު ލިބޭ ތަރިންގެ ލިސްޓް ހަފްލާ ބޭއްވުމުގެ ކުރިން އިއުލާންކުރެ އެވެ.

ވާސަޓައިލް އެކްޓަރެއްގެ ގޮތުގައި ސުޝާންތު ފާހަގަކުރެވޭއިރު އޭނާ އަކީ ބޮލީވުޑްގައި އެންމެ ފާހަގަކޮށްލެވުނު އެކްޓަރެކެވެ.

ސުޝާންތު ދަންޖެހިގެން މަރުވިކަމަށް އޭރު މުމްބާއި ފުލުހުން އިއުލާންކުރި ނަމަވެސް އޭނާގެ މަރުގެ ފަހަތުގައި އަޑި ނޭނގޭ ގިނަ ސިއްރުތަކެއް ވާކަމަށް ބުނާތީ އެ މައްސަލަ މިހާރު އަންނަނީ ވަރަށް ބާރު ސްޕީޑުގައި ތަހުގީގުކުރަމުންނެވެ. އަދި އެ ކޭސް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ތަހުގީގުކުރުމަށް ވަނީ ނިންމާފައެވެ.

ޒުވާން އެކްޓަރު ސުޝާންތު މަރާލީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސުޝާންތުގެ އެންމެ ފަހު ފިލްމަކީ ދިލް ބޭޗާރާ އެވެ. މި ފިލްމު ރިލީޒްކުރީ އޭނާ މަރުވުމަށްފަހުއެވެ. ނަމަވެސް މި ފިލްމަށް ދުނިޔޭގެ ރެކޯޑުތައް އަންނަނީ ލިބެމުންނެވެ.