16 Aug 2020, 18:09
ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން އަގުބެލި ފަރާތްތަކާމެދު ވާދަވެރިކޮށް އަމަލުކޮށްފައިވާކަމަށް އަދި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދީފައިވާކަމަށް ބެލެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު މިއަދު ވަނީ އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ބީލަމުގެ ކަންތައް ކުރިޔަށް ގެންދަން ވާނީ އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި، ހާމަކަންބޮޑު، ވާދަވެރި، އިގުތިސޯދީގޮތުން އެންމެ ފައިދާހުރި، ޒިންމާދާރު ގޮތެއްގެމަތިން ކަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނެފައި ވީނަމަވެސް، ވެންޓިލޭޓަރާ ގުޅޭ ބީލަމުގައި ކަން ހިނގާފައި ވަނީ އެގޮތަށް ނޫން ކަމަށެވެ.
އެގޮތުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން، ސާދަ މިލިއަން ހަތަރު ލައްކަ ސާޅީސް ފަސް ހާސް ހަތް ސަތޭކަ ރުފިޔާއަށް، 50 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކޮށްފައިވަނީ އެންމެ އަވަހަށް މި ތަކެތި ފޯރުކޮށްދޭނެ ފަރާތާއިކަމާއި، އަދި ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި، އާންމުކޮށް މިފަދަ ބަޔޯމެޑިކަލް އިކުއިޕްމަންޓް ސަޕްލައިކޮށްދޭ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް އިތުބާރުހުރި ފަރާތްތަކަކަށް އީމެއިލް މެދުވެރިކޮށް އަގުހޯދުމަށް ފޮނުވިކަމަށް ބުނެފައި ވީނަމަވެސް، އަގު ހޯދުމަށް ފޮނުވި ތިން ފަރާތުގެ މެދުގައި ވާދަވެރިކޮށް އަދި ހަމަހަމަކޮށް އަމަލުކޮށްފައި ނުވާކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކޯޓޭޝަން ހުށަހަޅަން އެސްޓީއޯއަށް ދިނީ ކުޑަ ވަގުތުކޮޅެއް!
ވެންޓިލޭޓަރު ގަތުމަށް ކޯޓޭޝަން ހޯދުމަށް މާޗު މަހުގެ 18 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އީމެއިލް ފޮނުވީ މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ނާޑު ޕްރައިވެޓް ލިމިޓެޑް އަދި އެސްޓީއޯއަށެވެ.
އެ ތިން ފަރާތުގެ ތެރެއިން މެޑްޓެކް މޯލްޑިވްސް އަދި ނާޑު ޕްރައިވެޓް ލިމިޓެޑަށް އީމެއިލް ފޮނުވާފައި އެ ދުވަހުގެ 14:00 ގައި ކަމަށާއި އެހެން ނަމަވެސް އެސްޓީއޯ އަށް އީމެއިލްކޮށްފައި ވާކަމަށް ލިޔެކިއުންތަކުން ދައްކަނީ އޭގެ ހަތަރު ގަޑިއިރަށްވުރެ ގިނައިރު ވީފަހުން، އެ ދުވަހުގެ 18:24 ގައި ކަން، އޮޑިޓަށް ފޯރުކޮށްދީފައިވާ ލިޔެކިއުންތަކުން ފާހަގަކުރެވުނު ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.
އަދި ހެލްތު މިނިސްޓްރީގެ ބައޯމެޑިކަލް އިންޖިނިއަރުން އެ ދުވަހުގެ 18:40 ގައި ފޯނުން ގުޅައި، ރޭގަނޑު 19:00 ގެ ކުރިން ކޯޓޭޝަން ފޮނުވަން އެންގުމުން، 20 މިނެޓަކީ އެކަމަށް އެކަށީގެންވާ ވަގުތުކޮޅަކަށް ނުވާތީ ކޯޓޭޝަނެއް ނުފޮނުވޭނެ ކަމަށް އެންގުމުން، އެ ރޭގެ 22:00 ގެ ކުރިން ކޯޓޭޝަން ފޮނުވުމަށް އެދުނުކަމަށް، އެސްޓީއޯ އިން ވަނީ އޮޑިޓަށް މައުލޫމާތު ދީފައެވެ.
އަދި އެ ކޯޓޭޝަނަކީ އެހެން ފަރާތްތަކުން ހޯދާ ކޯޓޭޝަންތަކާއެކު ވާދަވެރި ގޮތެއްގައި ވަޒަންކުރުމަށް ހޯދާ ކޯޓޭޝަނެއްކަން އެނގިފައި ނުވާކަމާއި، އެސްޓީއޯގެ ސަޕްލަޔަރުންނާ މުއާމަލާތުކޮށް އެންމެ ރަނގަޅު އޮފާ ހޯދަން ވަގުތު ލިބިފައި ނުވާކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި ހަމަ އެ ދުވަހުގެ ރޭގަނޑުގެ 20:35 ގައި 50 ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރާނެ ފަރާތެއް ހޮވުމަށް ބިޑް ކޮމިޓީގެ ބައްދަލުވުން ބާއްވާފައިވުމުން، އެސްޓީއޯ އަށް ކޯޓޭޝަން ހުށަހެޅުމަށް ލިބިފައިވަނީ މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅި އެހެން ފަރާތްތަކަށްވުރެ ކުޑަ ވަގުތުކޮޅެއްކަން ވަނީ ފާހަގަކޮށްފައެވެ.
"ނަތީޖާއެއްގެ ގޮތުން، އެންމެ އެދެވޭފަދަ އަދި މިނިސްޓްރީގެ ރިކްއަޔަމަންޓްއާ އެއްގޮތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު އެސްޓީއޯ އަށް ލިބިފައިނުވެއެވެ." އޮޑިޓުގައިވެއެވެ.
ކޯޓޭޝަން ބަދަލުކުރުމުގެ ފުރުސަތު އެސްޓީއޯއަކަށް ނުދޭ!
މެޑްޓެކް އަދި ނާޑު ޕްރައިވެޓް ލިމިޓެޑުން އެކި ފަހަރު މަތިން، ހުށަހަޅާފައިވާ ކޯޓޭޝަން ބަދަލުކޮށްފައި ވާކަން އޮޑިޓަށް ފޯރުކޮށްދިން އީމެއިލްތަކުން ފާހަގަކުރެވުނު ކަމަށް ރިޕޯޓުގައިވެއެވެ. އަދި މީގެ ތެރެއިން މެޑްޓެކްގެ ކޯޓޭޝަން، ބިޑް ކޮމިޓީން ގޮތެއް ނިންމުމުގެ ފަހުންވެސް ބަދަލުކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.
އެހެން ނަމަވެސް، އެ ފަރާތްތަކަށް ކޯޓޭޝަން ބަދަލުކުރުމަށް އެދި މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިއުމެއް ފެންނަން ނެތްކަމަށާއި، އެކި ފަހަރުމަތިން ބަދަލުކުރެވިފައިވާ ކޯޓޭޝަންތައް އޮޑިޓަށް ފޯރުކޮށްދީފައި ނުވުމުގެ ސަބަބުން، އެ ފަރާތްތަކުން ހުށަހަޅާފައިވާ ބްރޭންޑާއި، އަގާއި މުއްދަތަށް ގެނެސްފައިވާ ބަދަލުތައް އެނގޭކަށް ނެތެވެ.
އަދި މާޗު 18 ގައި ބޭއްވުނު ބިޑް ކޮމިޓީގެ ބައްދަލުވުމުގައި، އެސްޓީއޯ އިން ހުށަހަޅާފައިވާ އޮފާ ތިނެއްގައިވާ ވެންޓިލޭޓަރުތަކަކީ ރާއްޖެއަށް ވަރަށް އާ ބްރޭންޑެއްކަމާއި، އެ ވެންޓިލޭޓަރުތަކާގުޅޭ ގިނަ މައުލޫމާތުތަކެއް ހުށަހާފައިނުވާތީ، އެ ވެންޓިލޭޓަރުތައް ހޯދުމަށް ރިކޮމެންޑް ނުކުރާކަމަށް ބަޔޯމެޑިކަލުން މައުލޫމާތު ދިންކަމަށް ބަޔާންކޮށްފައިވާއިރު، އެސްޓީއޯ އިން ހުށަހެޅި ވެންޓިލޭޓަރުތަކާގުޅޭ ބްރޯޝާއެއް ހުށަހަޅާފައިވާކަން މި ކަމާއި ގުޅިގެން އެކުންފުނިން ހުށަހެޅި އީމެއިލްއިން އެނގެން އޮވެއެވެ.
އަދި އެސްޓީއޯގެ ހުށަހެޅުމުގައި ހިމެނޭ މައުލޫމާތު ފުރިހަމަކުރުމަށް މިނިސްޓްރީން އެދިފައި ވަނީވެސް، 50 ވެންޓިލޭޓަރު ގަތުމަށް މެޑްޓެކް މޯލްޑިވްސް އާ ހަވާލުކުރުމަށް 18 މާޗުގައި، ބިޑް ކޮމިޓީން ނިންމިފަހުން، 19 މާޗުގައި ކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.
"އެހެންކަމުން، އެސްޓީއޯ ފިޔަވައި ދެންތިބި ފަރާތްތަކަށް ކޯޓޭޝަން ބަދަލުކުރުމަށް މިނިސްޓްރީން އެދިފައިވާކަމަށް ބެލެވެން އޮތުމުން، އެސްޓީއޯ އަށް ކޯޓޭޝަން ފުރިހަމަ ކުރުމަށް އެކަށީގެންވާ ފުރުސަތެއް ދެވިފައި ނުވާކަން ފާހަގަކުރަމެވެ."
ވެންޓިލޭޓަރު ހޯދަން އެދުނު އުސޫލުވެސް ސާފެއް ނޫން!
އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ވެންޓިލޭޓަރު ގަތުމަށް އަގު ހުށަހެޅުމަށް ހެލްތުން ތިން ފަރާތަކުން އެދިފައިވީއިރު، އެ ތިން ފަރާތަށްވެސް އަގު ހުށަހެޅުމަށް އެކި ފަރާތްތަކަށް އެކި އަދަދަށް ބަހާލާފައިވާ ކަމަށާއި، ނަމަވެސް އެއީ ކޮންކޮން ކަންކަމަކަށް ބަލައިގެންކަން ލިޔެކިއުމުން އެނގެން ނެތް ކަމަށެވެ.
މިނިސްޓްރީން ވެންޓިލޭޓަރުތައް ބަހާލާފައި ވަނީ މެޑްޓެކަށް 30 ވެންޓިލޭޓަރު، ނާޑް ޕްރައިވެޓް ލިމިޓެޑަށް 10 ވެންޓިލޭޓަރު އަދި އެސްޓީއޯ އަށް 15 ވެންޓިލޭޓަރެވެ.
މެޑްޓެކުން 30 ވެންޓިލޭޓަރު ގަތުމަށް އަގުހުށަހަޅަން އެދުނު ނަމަވެސް،
އެ ފަރާތަށް، ބިޑް ކޮމެޓީން ހަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ހޯދުމަށެވެ.
އެސްޓީއޯ އަކީ އެމްއޯޔޫ އެއްގެ ދަށުން ހެލްތަށް ބަޔޯ މެޑިކަލް ސާމާނާއި ބޭސް ފޯރުކޮށްދެމުން އަންނަ ސަރުކާރުގެ އަޣްލަބިއްޔަތު ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، އެސްޓީއޯ އަށް އަދަދު މަދުކޮށް އަގު ހުށަހެޅުމަށް ނިންމާފައިވަނީ ކޮން ސަބަބަކާއި ހުރެކަން ލިޔެކިއުމުން އެނގެން ނެތްކަމަށް އޮޑިޓުގައި ވެއެވެ.
ކޯޓޭޝަނަށް އާންމުކޮށް ހުޅުވާލީ މެޑްޓެކްގެ ކޯޓޭޝަން ހޯދިތާ ދެ ދުވަސް ފަހުން!
ވެންޓިލޭޓަރު ގަތުމަށް ކޯޓޭޝަން ހުށަހެޅުމަށް އެދި ހެލްތު މިނިސްޓްރީން އެކި ފަރާތްތަކުގައި އެދިފައިވަނީ 18 މާޗު ވަނަ ދުވަހުއެވެ.
އެހެން ނަމަވެސް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 16 މަޗުގައި 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ކޯޓޭޝަން ހޯދާފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މާޗު 18 ވަނަ ދުވަހު މިނިސްޓްރީ ން 30 ވެންޓިލޭޓަރަށް
ކޯޓޭޝަން ފޮނުވަން އެދި މެޑްޓެކަށް ކުރި އީމެއިލްއާ ގުޅިގެންވެސް، 50 ވެންޓިލޭޓަރު ރިޒާވް ކުރެވިފައިވާކަމަށް އެ ކުންފުނިން މިނިސްޓްރީއަށް އީމެއިލް އިން އަންގާފައިވާކަން ވަނީ ހާމަވެފައެވެ.
އެހެންކަމުން، އެހެން ފަރާތްތަކަށް އަގުހުށަހެޅުމަށް ފޮނުވުމުގެ ކުރިންވެސް، 50 ވެންޓިލޭޓަރު ފޯރުދިނުމާގުޅޭގޮތުން މިނިސްޓްރީން، މެޑްޓެކް އާ މުއާމަލާތު ކުރެވިފައިވާކަމަށް ބެލެވެން އޮތް ކަމަށް ރިޕޯޓުގައިވެއެވެ.
އެހެންކަމުން އެކަމާއި ގުޅިގެން އަގުބެލި ފަރާތްތަކާމެދު ހަމަހަމައަށް އަމަލުކުރެވިފައި ނުވުމުގެ ފުރުސަތު އޮތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން، ވަކި ފަރާތަކަށް ފަހިވާގޮތަށް ޕްރޮކިއުމަންޓްގެ މަސައްކަތްތަށް ގެންގޮސްފައިވާކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އެންމެ ހެޔޮ އަގު ހުށަހަޅާފައިވާ އެސްޓީއޯގެ އޮފާއަކަށް ނުބަލާ!
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ތިން ހުށަހެޅުމެއް އެއް ހުށަހަޅާފައިވާއިރު، "އޮފަރ 2"ގެ ނަމުގައި އެއްވެސް ލިޔުމެއް ލިބިފައިނުވާކަމަށް ބިޑް ކޮމިޓީގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް "އޮފަރ 2" ގެ ނަމުގައި އެސްޓީއޯ އިން ކޯޓޭޝަނެއް ހުށަހަޅާފައިވާކަން އޮޑިޓަށް ފޯރުކޮށްދިން ލިޔެކިއުންތަކުން ފާހަގަކުރެވުނު ކަމަށެވެ.
އަދި އެ ހުށަހެޅުމަކީ ހުރިހާ ސަޕްލަޔަރުން ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިންވެސް ވެންޓިލޭޓަރަކަށް ޖެހޭ އަގު އެންމެ ހެޔޮ ހުށަހެޅުން ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، އެ ހުށަހެޅުމުގައި ވެންޓިލޭޓަރަކަށް ޖެހެނީ ދެ ލައްކަ ސާޅީސް އެއް ހާސް ހަތްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ކަމަށާއި، އެހެންކަމުން، އެސްޓީއޯގެ އެ ހުށަހެޅުމަށް ބިޑް ކޮމިޓީން ގޮތެއް ނިންމި އިރު ބަލާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެ ހުށަހެޅުމުގައިވާ ވެންޓިލޭޓަރަކީ މިނިސްޓްރީގެ ސްޕެސިފިކޭޝަނަށް ނުފެތޭ އެއްޗެއްކަން ބަޔާންކޮށް، ބަޔޯމެޑިކަލް އިންޖިނިއަރު ދީފައިވާ އެއްވެސް ލިޔުމެއް އޮޑިޓަށް ފޯރުކޮށްދީފައި ނުވެއެވެ.
މާޗު 18 ވަނަ ދުވަހު ބޭއްވި ބިޑް ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާގައި، އެސްޓީއޯ އިން ހުށަހަޅާފައިވާ "އޮފަރ 3" ގައިވާ ވެންޓިލޭޓަރުތަކަކީ، ރާއްޖެއަށް ވަރަށް އާ ބްރޭންޑެއްކަމާއި، އެ ވެންޓިލޭޓަރުތަކާގުޅޭ ގިނަ މައުލޫމާތުތަކެއް ހުށަހާފައިނުވާތީ، އެ ވެންޓިލޭޓަރުތައް ހޯދުމަށް ރެކޮމެންޑް ނުކުރާކަމަށް ބަޔޯމެޑިކަލުން މައުލޫމާތު ދިންކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެން ނަމަވެސް 50 ވެންޓިލޭޓަރު ގަތުމަށް މެޑްޓެކް އާއެކު އެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން، 4 މެއި 2020 ގައި މެޑްޓެކުން ވަނީ، ފޯރުކޮށްދިނުމަށް އެއްބަސްވުމުގައިވާ
ބްރޭންޑްގެ ބަދަލުގައި، އެހެން ބްރޭންޑެއް ފޯރުކޮށްދިނުމަށް ހުށަހަޅާފައެވެ.
އަދި އެގޮތުގެ މަތިން ހުށަހެޅި އާ ބްރޭންޑް ފޯރުކޮށްދިނުމާމެދު އިއުތިރާޒެއް ނެތް ކަމަށް ހެލްތުން މެއި 13 ވަނަ ދުވަހު އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް އެނގެން އޮވެއެވެ.
ހަމައެއާއެކު އެންމެ އަވަހަށް ތަކެތި ފޯރުކޮށްދޭން ހުށަހެޅި ފަރާތަށް އިސްކަންދީގެން ވެންޓިލޭޓަރު ގަންނާނެ ފަރާތް ކަނޑައެޅިނަމަވެސް، ވެންޓިލޭޓަރު ފޯރުކޮށްނުދެވި ލަސްވަމުންދިއުމާއި، ހުށަހަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ބިޑް ކޮމެޓީން ވަޒަންކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓުގައި ވެއެވެ.
އެގޮތުން 10 ދުވަހުގެ ތެރޭގައި 50 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހުށަހަޅާފައިވާ މެޑްޓެކް އާއެކު 19 މާޗުގައި އެއްބަސްވުމުގައި ސޮއިކޮށް އެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
އެހެންކަމުން، އެއްބަސްވުމުގެ ދަށުން، 29 މާޗުގައި މެޑްޓެކްގެ ފަރާތުން ވެންޓިލޭޓަރުތަށް މިނިސްޓްރީއާ ހަވާލުކޮށް އިންސްޓޯލްކޮށްދޭން ޖެހުނު ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށްދެވިފައި ނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި މެޑްޓެކުން އެދިގެން ދެ ފަހަރެއްގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައި ވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން 10 މެއި ގައި 18 ވެންޓިލޭޓަރެއް ފޯރުކޮށްދީފައިވާކަން ވެސް ލިޔެކިއުންތަކުން ފާހަގަކުރެވުނެވެ.
އަދި ބާކީ ހުރި 32 ވެންޓިލޭޓަރު ފޯރުކޮށްދޭންޖެހޭ މުއްދަތު އިތުރުކުރުމަށް، އެ ކުންފުނިން އެދިފައިވާއިރު، އެ ފަރާތުން އެދިފައިވާ މުއްދަތަށްވުރެ އިތުރަށް، މިނިސްޓްރީން މުއްދަތު އިތުރުކޮށްދީފައި ވާކަންވެސް އޮޑިޓުން ވަނީ ފާހަގަވެފައެވެ.
މެޑްޓެކާ ހަވާލުކުރި ހުރިހާ ވެންޓިލޭޓަރު ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
އެހެންކަމުން 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް މެޑްޓެކުން ހުށަހެޅި 10 ދުވަހުގެ މުއްދަތުގެ ތެރޭގައި، އެ ތަކެތި ފޯރުކޮށްދެވިދާނެތޯ ބިޑް ކޮމިޓީން ވަޒަންކޮށްފައިވާކަން ލިޔެކިއުމުން އެނގެން ނެތުމުން، އެތަކެތި ގަތުމަށް، އެންމެ އަވަހަށް ތަކެތި ފޯރުކޮށްދޭފަރާތަށް އިސްކަންދީގެން
ހަވާލުކުރެވިފައިވަނީ ހަމަހަމަ އަދި ޒިންމާދާރު އުސޫލަކުންކަން ޔަގީން ކުރެވެން ނެތް ކަމަށް ވެސް އޮޑިޓުގައިވެއެވެ.
އިސްލާހުކުރަން ލަފާ ދިން ގޮތް:
ވެންޓިލޭޓަރުތަކާ ގުޅޭ ޕްރޮކިއުމަންޓުގެ މަސައްކަތް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ހަމަހަމަކަމާއި، ހާމަކަންބޮޑު، ވާދަވެރި، އިގްތިސޯދީގޮތުން އެންމެ ފައިދާހުރި އަދި ޒިންމާދާރުގޮތެއްގެ މަތިންކަން ބެލެވެން ނެތުމުން، މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، ތަހުގީގު ކުރުމަށް އޮޑިޓަ ޖެނެރަލް ވަނީ އަންގަވައިފައެވެ.
އަދި ބީލަމުގެ ކަންކަން، އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި، ހާމަކަންބޮޑު، ވާދަވެރި، އިގުތިސޯދީގޮތުން އެންމެ ފައިދާހުރި، ޒިންމާދާރު ގޮތެއްގެމަތިން ކުރިޔަށް ގެންދިއުމަށް ވެސް ވަނީ އަންގަވައިފައެވެ.
ހަމައެއާއެކު ޕްރޮކިއުމަންޓްގެ ކަންކަން ކުރުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް، ބީލަމުގެ ކަންކަން ވާދަވެރި ގޮތެއްގައި ގެންދިޔުމަށްޓަކައި، އެ ކަމަށް ގާބިލު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ކުއްލި ހާލަތެއް މެދުވެރިވެގެން ޕްރޮކިއުމަންޓުގެ ކަންކަން ކުރުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރުމަށް ދަތިވާ ހާލަތްތަކުގައި ވެސް، އެ ހާލަތެއްގައި ލިބެން އޮތް އެންމެ ބޮޑު ވާދަވެރިކަމެއް ހޯދައިގެން އެކަމެއް ކުރުމަށް ވަނީ އަންގަވައިފައެވެ.