16 Aug 2020, 17:32
ކޮވިޑް19 އާ ގުޅިގެން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކުރި އެވެ. އެއީ މެޑްޓެކް، ނާޑު އަދި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑޭޝަނަކަށް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ހެލްތު މިނިސްޓްރީގެ ކޮވިޑް19 ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފައި ވަނީ އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށެވެ.
އެގްޒެކިއުޓާސް ކުންފުނީގެ ގުދަނުގައި 75 ވެންޓިލޭޓަރު ޝިޕް ކުރެވޭ ހާލަތުގައި ހުރިކަމަށާއި 14 ދުވަހުގެ ތެރޭގައި އެތަކެތި ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނި އިރު، އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ވެންޓިލޭޓަރު ފަދަ ސްޕެޝަލައިޒްޑް މެޑިކަލް އިކުއިޕްމަންޓްތަކަކީ އެ ތަކެތީގެ ވިޔަފާރި ކުރާ އޭޖެންޓުން ގިނަ އަދަދަކަށް ސްޓޮކްކޮށްގެން ގެންގުޅޭ ތަކެތި ނޫންކަން ސިއްހީ ދާއިރާގެ ފަންނީ މީހުންނަށް އެނގޭނެ ކަމަށެވެ. އަދި އެ ކުންފުނިން އެހެން ބުނެފައިވާ ބުނުމަށް ސުވާލު އުފައްދައި، މަކަރާ ހީލަތުން އޮޅުވާލުމުގެ އަމަލުތަކެއް ހިންގަފާނެކަމަށް ސަމާލުވާންޖެހޭނެ ކަމަށް ދެކޭކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
"ސާދަ ދުވަހުގެ ތެރޭގައި އެ ތަކެތި ފޯރުކޮށްދެވޭނެ ކަމަށް ބުނެފައި ވީނަމަވެސް، އެއްބަސްވުމުގައި ސޮއިކުރި ތާރީޚަށް ފަހު ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު އެ ވެންޓިލޭޓަރު ހަމައަށް ލިބިފައި ނުވުމަކީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އިން މިކަމުގައި އޮޅުވާލާފައި ވާކަމަށް ތުހުމަތުކުރެވޭ
ކަމެއްކަމުގައި ފާހަގަކުރަމެވެ. އަދި ވެންޓިލޭޓަރުގެ ޑިމާންޑް މުޅި ދުނިޔޭގައި ވެސް އިތުރު ވެފައިވާ ދަނޑިވަޅެއްގައި،
ހީލަތްތެރި އޭޖެންޓުންނާއި، އޭޖެންޓުން ކަމަށް ހެދިގެން އުޅޭ ހީލަތްތެރިން ގިނަވާނެއެވެ. އެހެންކަމުން، ދައުލަތުގެ މާލީ
ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާ ފައިސާ ރައްކާތެރިކުރުމަށް، އިތުރަށް ސަމާލުވުމަކީ އެ ފަރާތްތަކުގެ
ޒިންމާއެކެވެ،"
މި މަޝްރޫއުގެ 75 ޕަސަންޓު ފައިސާ (25.7 މިލިއަން ރުފިޔާ) އެޑްވާންސްގެ ގޮތުގައި 2 އޭޕްރިލް 2020ގައި ދައްކައި، އަދި އިތުރު 15 ޕަސަންޓު ފައިސާ (5.1 މިލިއަން ރުފިޔާ) އާއެކު ޖުމްލަ 90 ޕަސަންޓު ފައިސާ (30 މިލިއަން ރުފިޔާ) އެޑްވާންސްގެ ގޮތުގައި ދައްކާފައި ވަނީ އެޑްވާންސް ޕޭމެންޓް ގެރެންޓީއެއް ނުހޯދާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ދުބާއީގެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ އެޑްވާންސް ފައިސާ އަނބުރާ ހޯދުމަކީ ދަތި ކަމަކަށް ވާނެކަމާށް އޮޑިޓުގައި ފާހަގަކުރި އެވެ.
"ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަން ފާހަގަކުރަމެވެ،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް މެދުވެރިކޮށް ވެންޓިލޭޓަރު ގަތުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އިރު ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށާއި، ޕަފޯމަންސް ގަރަންޓީއެއްވެސް ބަހައްޓާފައި ނުވާ ކަމަށެވެ. އަދި މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރުގެ ލަފާގެ މަތިން ގަތުމަށް ލަފާ ދިނީ ވެއިންމަން ބްރޭންޑުގެ ޕޯޓަބަލް ވެންޓިލޭޓަރާއި ޑްރިގާ ބްރޭންޑުގެ އައިސީޔޫ ވެންޓިލޭޓަރު ކަމުގައި ވީ ނަމަވެސް އެގްޒެކިއުޓާސްއިން މިހާތަނަށް ސަޕްލައިކޮށްފައިވާ ވެންޓިލޭޓަރުތަކަކީ އެ ބްރޭންޑުތަކުގެ ވެންޓިލޭޓަރު ނޫން ކަމަށާއި އިންވޮއިސްތަކުގައި ހުރީ އެއީ JIUJIUXIN ބްރޭންޑުގެ ވެންޓިލޭޓަރު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލަތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލް ވަނީ، އެއްބަސްވުމުގެ 90 ޕަސަންޓު ފައިސާ އެޑްވާންސަށް ދައްކާފައިވާ އިރު މިހާތަނަށް ވެސް ވެންޓިލޭޓަރުތައް ހަމައަށް ލިބިފައި ނުވާތީ މިކަންކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރުމަށް އަންގައިފަ އެވެ.
މި މައްސަލައިގައި މާލިއްޔަތު ގަވައިދާ ހިލާފަށް އެތައް ކަމެއް ހިނގާފައިވާ އިރު، އޮޑިޓުގައި ބުނެފައި ވަނީ އެޑްވާންސް ޕޭމެންޓު ގެރެންޓީއާއި ޕަފޯމަންސް ގެރެންޓީއެއް ނެތުމާއި، މަޝްރޫއުގެ 90 ޕަސަންޓު އަގު އެޑްވާންސަށް ދައްކާފައިވާތީ މިކަމުގައި މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އޭނާގެ ޒިންމާ އަދާކޮށްފައި ނުވާކަމަށް ބެލެވޭ ކަމަށެވެ. އަދި މި ފައިސާ ހަރަދުކުރުމަށް ޕަބްލިކް އެކައުންޓިންގް ސިސްޓަމް މެދުވެރިކޮށް ހުއްދަ ދިން އޮފިސަރުންވެސް ޒިންމާ އަދާކޮށްފައި ނުވާކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާއާއި މި މުއާމަލާތަށް ހުއްދަ ދިން އޮފިސަރުންގެ މައްސަލަ ތަހުގީގުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ރިޕޯޓުގައި އަންގަވައިފަ އެވެ.
މީގެ އިތުރުން އެގްޒެކިއުޓާސް ޖެނރަލް ޓްރޭޑިންގް ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ވަޒަންކޮށްފައި ވޭތޯ މިނިސްޓްރީގެ ބިޑު ކޮމިޓީން ބަލާފައި ނުވާ ކަމަށާއި ގަތުމަށް ހުށަހެޅި ބްރޭންޑުތަކުގެ ވެންޓިލޭޓަރުތަކާ ގުޅިގެން މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރު ފާހަގަކުރެއްވި ކަންކަމަށް ރިއާއަތްކޮށްފައި ނުވާތީ މިކަމުގައި ބިޑު ކޮމިޓީގެ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބެލެވޭކަމަށްވެސް އޮޑިޓު ރިޕޯޓުގައިވެ އެވެ. އޮޑިޓަރު ޖެނެރަލް އެ ރިޕޯޓުގައި ވަނީ ބިޑު ކޮމިޓީގެ އިހުމާލު ވެސް ތަހުގީގުކުރުމަށް އަންގަވައިފަ އެވެ.