ދ. ކުޑަހުވަދޫއިން: ހުސައިން ހަސަން

މި ރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތު ކުރެވިފައިވާ އަލީ ހަސަން (އައްޔުބެ) ރަހުމް ކުޑަގޮތަކަށް މެޔަށް ދަގަނޑުޖަހައި ތޫނު އެއްޗަކުން ކަރު ބުރިކޮށްލައި މަރާލި ނަމަވެސް، އެ އަނިޔާ ދިން ބައެއް ހޯދަން ބޭނުންނުވާ ކަމަށާއި މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް އައްޔުބޭގެ ދަރިން ބުނެފި އެވެ.

މި ރަށުގައި ތިބި ސަންގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އައްޔުބޭގެ އާއިލާ އިން ބުނީ އައްޔުބޭގެ މަރާ ބެހޭ އެއްވެސް ކަމެއް ދެން ބަލަން ބޭނުން ނުވާ ކަމަށާއި "ވެދިޔަ ތަނުން އަނބުރާ ބައްޕަ ނުލިބޭނެ" ކަމަށެވެ. އައްޔުބެ މަރާލި ކަމަށް ބެލެވޭ ބައެއްގެ ޝަރީއަށް ހިންގި ނަމަވެސް "އެފަދަ ބައެއްގެ ފަރާތުން މަރަށް މަރު ހިފަން ބޭނުން ނުވާ" ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ދެން ބައްޕައެއް ނުލިބޭނެ. އަދި މަރާލި ބަޔަކު ވެސް ހޯދާކަށް ބޭނުމެއް ވެސް ނުވޭ. މަރަށް މަރު ހިފާކަށް ވެސް ބޭނުމެއް ނުވޭ. މިއީ އަޅުގަނޑުމެންގެ ނިންމުން،" ކުޑަހުވަދޫގައި ހުރި އައްޔުބޭގެ އަންހެން ދަރިފުޅު އަތޯޔާ އަލީ ބުންޏެވެ.

އަތޯޔާ ބުނީ ބައްޕަ މަރާލާނެ ކަމުގެ އިންޒާރު ކުރިން ބަޔަކު ދިން ނަމަވެސް އެ މައުލޫމާތު "އަމިއްލަ އިސްނެގުމަކަށް" ފުލުހުންނާ ހިއްސާ ކުރަން ބޭނުންނުވި ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތައް ފުލުހުން އެދޭ ނަމަ ތަހުގީގަށް އެ ވާހަކަތައް ތަފްސީލީ ގޮތެއްގައި ހިއްސާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ދެ ފިރިހެން ކުދިންނާއި ހަތް އަންހެން ކުދިންގެ ބައްޕަ އައްޔުބެއާ މެދު ސިހުރުގެ ތުހުމަތު ކުރެވޭ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި ފުލުހުން ވަނީ އޭނާ ދިރިއުޅޭ ކޮޓަރި ފާސްކުރަން ބޭނުންވާ ކަމަށް އޭނާގެ އާއިލާ އަށް އަންގައިފަ އެވެ. ނަމަވެސް އައްޔުބޭގެ މަރަށް ދެ ދުވަސް ވެގެންދާ އިރު އެގެ ފާސްކުރަން ފުލުހުން ވަދެފައެއް ނުވެ އެވެ.

"އައްޔުބެ ކޮޓަރިއަށް ނުވަނުމަށާއި ބައްޕަ ގެންގުޅޭ އެއްޗެހީގައި އަތްނުލުމަށް ފުލުހުން ވަނީ އަހަރުންނަށް [އާއިލާއަށް] އަންގާފައި. ބައްޕަ މަރާލި ރޭ ފުލުހުން އެހެން ބުނި ނަމަވެސް، މިއަދާ ހަމަޔަށް ވެސް ފުލުހުން މިގެއަކަށް އައިސްފައެއް ނުވޭ. އެހެންވެ ފުލުހުން މިގެ ފާސްކުރަން ބޭނުން ނަމަ ވަނުމުގެ ދޮރު މިހާރު ވެސް ވަނީ ހުޅުވާލާފައި. އަޅުގަނޑުމެން ތިން ފަހަރެއްގެ މަތިން ގުޅާފައި ވެސް ބުނިން ކީއްވެގެންތޯ ނާންނަނީ،" އައްޔުބެގެ ދޮންދަރިފުޅު އިސްމާއިލް އަހުމަދު (ކެޔޮޅުބެ) ބުންޏެވެ.

ފުލުހުންގެ ތަހުގީގުތައް މިދިޔަ އާދިއްތަ ދުވަހުގެ ރެއިންފެށިގެން މިރަށުގައި ފަށާފައިވާ އިރު، މިހާތަނަށް އެ ތަހުގީގުތަކުގެ މައުލޫމާތު މީޑިއާއަށް ހިއްސާކޮށްފައެއް ނުވެ އެވެ. އެފަދަ މައުލޫމާތު ފުލުހުން މީޑީއާއާ ހިއްސާ ނުކުރާ އިރު ފުލުހުން ވަނީ އޭނާގެ މަރާ ބެހޭ އެއްވެސް ކަމެއް އެނގޭ ފަރާތަކުން އެ މައުލޫމާތު ހާމަކުރުމަށް އެދި މި ރަށުގެ ގެތަކަށް ނޯޓިސް ފޮނުވާފަ އެވެ.

އައްޔުބެ މަރާލި މި ރަށު ޕްރީ ސްކޫލް ހުނޅަގު ގޯޅި އަދިވެސް ވަނީ ބަންދުކޮށްފަ އެވެ. ފޮރެންސިކް ޓީމް އަދިވެސް އެތަނުގައި ހަރަކާތެރިވަމުންދެ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ "ފުލުހުން ހޯދަން ޖެހޭ ކަންތަކެއް ހުރުމުން އަދިވެސް އެ ސަރަހައްދު ރޫޅާނުލާ، ހަރަކާތެރިވަމުންދާ" ކަމަށެވެ.

މާލެ އާއި އަތޮޅުތަކުގައި ވައްކަމާއި މާރާމާރީތައް ފަހަކަށް އައިސް އިތުރުވެފައި ވަނީ "ދެވަނަ ފުރުސަތުގެ ދަށުން" ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ޖަލުން ދޫކޮށްފައިވާ ދަނޑިވަޅެެއްގަ އެވެ.