16 Aug 2020, 13:56
ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނު މިހާރު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުން ނަމަ ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުން ބަޔާން ކުރާ ގޮތަށް ކަމަށް ބުނާ ނަމަވެސް، ހެއްކާ ބެހޭ ގާނޫނުގައި އެފަދަ ގޮތެއް ބަޔާންކޮށްފައި ނެތުމުންނެވެ.
ހައިކޯޓުގެ އެ ހުކުމާއެކު ދަށު ކޯޓުތަކުގައި އޮތް ސިއްރު ހެކި ހުށަހަޅާފައިވާ ގިނަ ޖިނާއީ މައްސަލަތަކެއް ވަނީ މަޑުޖެހިފައެވެ. އެހެންކަމުން، ހައިކޯޓުގެ ހުކުމުގައި ސިއްރު ހެކި ނެގޭނެ ގޮތެއް ނެތް ކަމަށް ބުނާ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމް އިއްވައިފައެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސިއްރުން ހެކިބަސް ނުނެގޭނެ ހައި ކޯޓުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ދިން މާނަކުރުމަކީ ތިލަ މާނަ ކުރުމެއް ކަމަށެވެ.
"މަތީގައިވާ މާނަ ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދާއި އެ ގާނޫނުގެ 149 ވަނަ މާއްދާ އެކުލަވާލެވިފައިވާ ގޮތާއި އެ މާއްދާގައިވާ އިޖުރާއަތްތަކާ ގުޅުންހުރި އެހެނިހެން އުސޫލުތަކާއި އެ މާއްދާއަށް އަމަލުނުކުރެވޭ ގޮތް މެދުވެރިވެއްޖެ ނަމަ އެކަމުގެ ސަބަބުން ގާނޫނުއަސާސީގައިވާ އަސާސީ ހައްގެއް ގެއްލިގެންދާނެކަން ނުވަތަ ނޫންކަން ފަދަ ސަމާލުވެ ފާރަވެރިވާން ޖެހޭ ކަންކަމަށް ސަމާލުވެ ފާރަވެރިވެ ނުވެ ކޮށްފައިވާ ތިލަ މާނަ ކުރުމެއް،" ސުޕްރީމް ކޯޓްގެ ހުކުމުގައިވެ އެވެ.
އޭގެ އިތުރުން، ހުކުމުގައި ބުނެފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ފާސް ކުރުމުގެ އެތައް އަހަރެއް ކުރިން ފާސް ކުރި ހެއްކާ ބެހޭ ގާނޫނާ ހަވާލާދީފައި އޮތުމަކީ ފާޅުކަންބޮޑުގޮތެއްގައި އޮތް ކުށެއް ކަމުގައި ބަލަން ޖެހޭ ކަމަށެވެ.
"މި ހާލަތުގައި ރައްޔިތުންގެ މަޖިލީހުން 2016 އޭޕްރިލް 18 ވަނަ ދުވަހު ފާސް ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޭގެ 39 އަހަރާއި ހަ މަހާއި 24 ކުރިން ފާސްކޮށްފައިވާ ގާނޫނަކަށް ހަވާލާދީފައި އޮތް އޮތުމަކީ ފާޅުކަންބޮޑުގޮތެއްގައި ގާނޫނީ ލިޔުމުގައި ލިޔެވިފައިވާ ކުށެއް ކަމުގައި ބަލަން ޖެހޭ. އެހެނީ ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކަށައެޅި މަގުސަދު ހާސިލުނުވާނެހެން އެ ގާނޫނުގައި އެ މަޖިލީހުން މާއްދާއެއް ހިމެނުމަކީ އެ ގާނޫނުން ހައްލު ކުރުމަށް ބޭނުންވާ މައްސަލަ ހައްލު ވާނެ ކަމެއް ނޫން،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ގާނޫނީ ހުސްކަމަށް ފަރުވާ ކުރާނެ ގޮތްތައް މަތީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުހަލާ ކޯޓުތަކުން ތަބާވާން ޖެހޭތީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތައް ސާފުވެގެން ނޫނީ އެ އިޖުރާއަތަށް އަމަލު ނުކުރެވޭނެތީ އެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ. މައްސަލަ ހައްލު ކުރެވޭނެ ދެ ގޮތެއް ކަމަށް ހުކުމުގައި ބުނެފައި ވަނީ؛
ގާނޫނު ލިޔުމުގައި ހުންނަ ކުށްތައް އިސްލާހު ކުރުމުގެ މަހުފޫމްގެ ތެރެއިން ކުރިމަތިވެފައިވާ ގާނޫނީ ހުސްކަމަށް ގާނޫނު މާނަ ކުރުމުގެ ތެރެއިން ހައްލެއް ހޯދައިދިނުން.
- ރައްޔިތުންގެ މަޖިލީހުން ގާނޫނު އެކުލަވާލުމުގެ ތެރެއިން ހައްލެއް ހޯދުން.
ހެކިބަސްދޭ މީހުންނަށް ހިމާޔަތް ދީގެން ހެކިބަސް ނުނެގި ދިޔުމަކީ އަސާސީ ހައްގުތަކެއް ގެއްލިގެން ގޮސްދާނެ ކަމެއް ކަމަށް ހުކުމުގައިވެ އެވެ. ގާނޫނެއް ހެދިފައި ނެތުމަކީ ގާނޫނު އަަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމަކަށް ބުރޫ އަރާފާނެ ކަމެއް ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހުކުމުގައިވެ އެވެ. އެހެން ގައުމުތަކުގައި ވެސް އަޑު ބަދަލުކޮށްގެން އަދި ކާކުކަން ހާމަ ނުވާ ގޮތަށް ވީޑިއޯއިން ސިފަ ބަދަލުކޮށްގެން ފަދަ ގޮތްގޮތަށް ހެކިބަސް ނަގާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
"ހެކިބަސް ދޭ މީހާއަށް ހިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމަށް ޓަކައި މަތީގައި ބުނެވުނު ގޮތްތަކުގެ ތެރެއިން ގޮތެއް ނުވަތަ އެ ނޫންވެސް ގޮތެއް ފަނޑިޔާރު އިހްތިޔާރު ކުރުމުގައި މިފަދައިން ހެކިބަސް ނެގުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންވެފައިވާ އިޖުރާއަތްތަކުގެ ތެރެއިން ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅިއްޖެ ނަމަ އެ ހުށަހެޅުމާ މެދު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ވާހަކަ ދައްކައި އެ ފަރާތްތަކުން ދެކޭ ގޮތް ހާމަ ކުރުމުގެ ފުރުސަތު ދޭން ވާނެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ނ)ގައި ބަޔާންވެފައިވާ ކަންތައްތަކަށް ފުރިހަމައަށް ރިއާއަތް ކުރަން ވާނެ،" ހުކުމުގައިވެ އެވެ.
ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުން ނިންމި ނިންމުމުގައި ވަނީ ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކުރި ބައި ބާތިލުކޮށްފަ އެވެ.
"ދެން ފަހެ އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ [ގަޒިއްޔާ ނަމްބަރު] ފާހަގަކުރެވުނު ނުކުތާތަކުގެ ތިން ވަނަ ނަމްބަރުގެ (ނ)ގައި ހެކިބަސް ދޭ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމާ ގުޅޭގޮތުން ނިންމަވާފައިވާ ނިންމުމަކީ ކަމާ ބެހޭ ގާނޫނީ ހަމަތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ނުފެންނާތީވެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ [ގަޒިއްޔާ ނަމްބަރު] ގަޒިއްޔާގެ އެ ބައި ބާތިލުކޮށްފިިން،" ހުކުމުގައިވެ އެވެ.