10 Jan 2012, 16:16
އިބްރާހިމް ނާސިރު މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނެގުމަށް ޖީއެމްއާރުން ކަނޑައެޅި 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ]އޭޑީސީ[ ނުނެގޭނެ ކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެން ސަރުކާރަށް ޖީއެމްއާރުން ދައްކާ ފީގެ ތެރެއިން އުނިކޮށް އެ ފައިސާ ދެއްކުމަށް ސަރުކާރުން ނިންމި މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށް ދިވެހި ޤައުމީ ޕާޓީން ބުނެފި އެވެ.
އެއާޕޯޓުގެ ތަރައްޤީގެ ގޮތުގައި ފީއެއް ނަގަން ޖީއެމްއާރުން ނިންމީ ޤާނޫނާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ޤައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ޖީއެމްއާރުން ނެގުމަށް ނިންމާފައިވާ އޭޑީސީ ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން ސަރުކާރަށް ޖީއެމްއާރުން ދައްކަން ޖެހޭ ފައިސާ އިން އޭޑީސީ އަށްވާ ބައި އުނިކުރުމަށް ނިންމި ކަމުގެ ލިޔެކިއުންތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
''އެންމެ ފުރަތަމަ އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ ]ޑިވެލޮޕް ޗާޖުގެ ގޮތުގައި ނެގުމަށް ޖީއެމްއާރުން ނިންމި ފައިސާ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އިން އުނިކުރުމަށް[ ސަރުކާރުން ނިންމެވި ނިންމެވުމެގެ ތަފްސީލް ހޯދުމުގެ މަސައްކަތް. އެއީ އެ ނިންމެވުގެ ތަފްސީލް ލިބިގެން ނޫނީ އަޅުގަނޑުމެނަށް ކުރިއަކަށް ނުދެވޭނެ،" ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.
ދައުލަތުގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ޑރ. ހަސަން ސައީދު ވިދާޅުވީ އޭޑީސީގެ ގޮތުގައި އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގަން އުޅުނު ފައިސާ ނުނެގޭނެ ކަމަށް ކޯޓުން ކަނޑައެޅުނުން ޖީއެމްއާރުން ސަރުކާރަށް ދައްކާ ކުލީގެ ތެރެއިން އެ ފައިސާ އުނި ނުކުރެވޭނެ ކަމަށެވެ. އަދި އޭޑީސީ ގޮތުގައި ނެގުމަށް ނިންމި ފައިސާ ނުނެގޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެ ފައިސާ އެހެން ނަމެއްގައި ވެސް ނެގިގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ މިލްކިޔާތުގައި ހުންނަ އެއްވެސް އެއްޗެއް ނައްތާލަން ވިޔަސް ނައްތާލެވޭނީ މާލިޔަތުގެ ޤާނޫނު ބުނާ ގޮތުން ޤާނޫނުގެ ދަށުން އޮޑިޓަރު ނެޖަރަލް ކަނޑައަޅާ މިންގަނޑެއްގެ ތެރެއިން ކަމުގަ އެވެ.
''އަޅުގަނޑުމެން މި ދައްކަނީ 27 މިލިއަން ޑޮލަރުގެ ވާހަކަ ނުވަތަ 450 މިލިއަން ރުފިޔާގެ ވާހަކަ. އެހާ ބޮޑު އަދަދެއްގެ ފައިސާ ދައުލަތުގެ މިލްކިޔާތުގައި ހުރި އެއްޗެއް ނުވަތަ ލިބެން ހުރި އެއްޗެއް ސަރުކާރަކަށް ދުލެއް ނުކުރެވޭނެ. އެއީ ޤާނޫނާ ހިލާފު ކަމެއް. އެކަން ހުއްޓުވުމަށް އޮޑިޓަރު ޖެނަރަލްއަށް ވެސް ޒިންމާތަކެއް ލިބިގެންވޭ. އޭގެ އިތުރުން އަޅުގަނޑުމެން ވެސް ފިޔަވަޅުތަކެއް އަޅާނަން،" ހަސަން ސައީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ބާވާތުގެ މައްސަލައެއް އިންޑިއާ އަށް ވެސް ކުރިމަތިވި ކަމާށާއި އިންޑިޔާގެ ދިއްލީ އެއާޕޯޓު ހިންގަމުންދާ ޖީއެމްއާރުން އޭޑީސީގެ ގޮތުގައި ނަގަން އުޅުނު ފައިސާ ނުނެގޭނެ ކަމަށް ޝަރުއީ ކޯޓުން ނިންމުމުން އެ ޤައުމުގެ ސަރުކާރުން އެ ފައިސާ ނެގުމަށް ނުނިންމާ ކަމަށެވެ.
''އެހެން ކަމުން ސަރުކާރު މިވަނީ ޖީއެމްއާރުގެ އަޅުވެތި ކަމުގެ ދަށަށް ގޮސްފައި،" ހަސަން ސައީދު ވިދާޅުވި އެވެ. ''ޖީއެމްއާރުގެ މި މައްސަލާގައި މަޖިލިސް އެ އޮތީ ނުކުޅެދިފައި. ސަރުކާރުން ބޭނުން ވަނީ އެމީހުން ]ޖީއެމްއާރުން[ ބޭނުން ގޮތަކަށް ކަން ކުރަން. ސިޔާސީ އިސް ބޭފުޅުން މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަނީއެއް ނޫން. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ މިއީ ދިވެހި ރާއްޖެ އަޅުވެތިކަމުގެ ފެށެމޭ،" އޭނާ ވިދާޅުވި އެވެ.