ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓް ގާޑް މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ދިރިއުޅުނު މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ސެންޓަރުގެ ގޯތިތެރޭ ހުންނަ ވީއައިޕީ ގޭގައި މޭޖާ ޖެނެރަލް ޝިޔާމްގެ ބައްޕާފުޅު 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދާއި ހަމައަށް ދިރިއުޅުއްވި އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި އޭސީސީ އިން ބުނެފައިވަނީ ޖެނެރަލް ޝިޔާމްގެ ބައްޕާފުޅު އެތަނުގައި ދިރިއުޅުއްވާ ގޮތަށް ހަމަޖެހުނީ ޗީފް އޮފް ޑިފެންސް ފޯސްގެ އެންގެވުމުގެ މަތިން ކަމަށާއި، ސިފައިންގޭގައި އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ވީއައިޕީ ގޭގައި، ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ކޯސްޓްގާޑުގެ ކޮމާންޑަރު އަންގާ ގޮތެއްގެ މަތިން، އެކި ފަރާތްތަކުގެ ހުރުން ހަމަޖެހޭ ކަމަށް އެ ކޮމިޝަނަށް ލިބިފައި ހުރި މައުލޫމާތުން އެނގޭ ކަމަށެވެ.

އެ މައްސަލަ އޭސީސީ އިން ނިންމާފައިވަނީ، ވީއައިޕީ ގޭގައި އެމްއެންޑީއެފްގެ ކުރީގެ ޗީފް މޭޖާ ޖެނެރަލް ޝިޔާމްގެ ބައްޕާފުޅުގެ ހުރުމުގެ ކަންކަން ހަމަޖައްސާފައިވަނީ އެ ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ނުބެލެވޭ ކަމަށެވެ.

މި މައްސަލަ އޭސީސީ އިން ބަލަން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. މި މައްސަލާގައި ކޮރަޕްޝަން ނުހިމެނޭކަމަށް ނިންމާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެ ކޮމިޝަނުން ނިންމާފައިވަނީ އެ މައްސަަލަ އަކީ އޭސީސީގެ ގާނޫނުގެ 25 ވަނަ މާއްސާގެ (ހ) ގެ އެއްވަނަ ނަންބަރުގައި ބުނާފަދައިން ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމުގަ އެވެ.

ކޮރަޕްޝަން މަނާކުރުމާއި ހުއްޓުވުމުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ސަރުކާރުގެ އެއްވެސް އެއްޗެއް އެމީހެއްގެ އަމިއްލަ ފައިދާއަށްޓަކާ ބޭނުންކުރުމަކީ ކުށެއް ކަމަށެވެ.

ޖެނެރަލް ޝިޔާމްގެ މައްސަލާގައި އޭސީސީ އިން ނިންމާފައިވަނީ އެ މައްސަލާގައި އިސްލާހު ކުރަން ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައް އިސްލާހު ކުރަން އެންގުމަށެވެ.