ރާއްޖޭގައި ސިންގަލް ޔޫސް (އެއް ފަހަރު ބޭނުންކުރެވޭ) ޕްލާސްޓިކް މަދުކުރަން ޕްލޭންއެކުލަވާލަމުގެ ގޮތުން އާންމުންގެ ހިޔާލު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީއިން ވެބިނާއެއް ބާއްވަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނީ ސިންގަލް ޔޫސް ޕްލާސްޓިކުން ރާއްޖޭގެ ވެއްޓާއި އިގްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އޮތް އދ. ގެ 74 ވަނަ އާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ވަނީ އިއުލާންކުރައްވައިފައެވެ.

އެ ލަނޑުދަނޑި ހާސިލު ކުރުމުގެ ގޮތުން ސިންގަލް ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމުގެ ޑްރާފްޓް ޕްލޭނެއް އެކުލަވާލައިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އަދި ގުޅުން ހުރި ފަރާތްތަށް ޝާމިލު ވާގޮތަށް މި މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އިން ކަނޑައަޅާފައިވާ 10 ބޭފުޅުންގެ ކޮމިޓީއެއްގެ ލަފާގެ މަތިންނެވެ.

"މި ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން، ކޮވިޑް 19 ގެ ރޯގާ އާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވަނީ އާއްމުންނަށް ހުޅުވާލައިގެން އޮންލައިންކޮށް ވެބިނާއެއްގެ ގޮތުގައި 19 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 16:30 ގައެވެ. މި ވެބިނަރ ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން www.tinyurl.com/y2j4wwrs ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ދިރާސާތަކާ ހަވާލާދީ އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގައި އުފެދޭ ކުނީގެ 10 % އަކީ ޕްލާސްޓިކު ކުނި ކަމަށެވެ. އަދި ޕްލާސްޓިކު ކުނީގެ ތެރެއިން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުނި ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކަކީ ރާއްޖޭގެ ނާޒުކު ދިރުންތަކާއި ގުދުރަތީ ރީތިކަމަށް ހުރި ނުރަކަލެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.