17 Aug 2020, 09:14
އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީގެ އިސް މީހުން ފޭސްބުކްގައި މުސްލިމުންނާ މެދު ނަފްރަތުއުފެދޭ ގޮތަށް ދެއްްކި ވާހަކަތަކަށް ފޭސްބުކުން ފިޔަވަޅު ނާޅާ ކަމަށް ވޯލްސްޓްރީޓް ޖާނަލްއިން ނެރުނު ރިޕޯޓްއެއްގައި ބުނެފި އެވެ.
އެ ރިޕޯޓްގައި ބުނީ ފޭސްބުކް އިން އެގޮތަށް އަމަލުކޮށްފައި ވަނީ އިންޑިއާގެ ސަރުކާރާ ދެމެދު ގުޅުން ގޯސްވެދާނެތީ ކަމަށެވެ.
ފޭސްބުކްގެ ކުރީގެ މުވައްޒަފުންނާ ހަވާލާދީ ބުނީ މުސްލިމުންނާ ދެކޮޅަށް ނަފްރަތުއުފެދޭ ގޮތަށް ވާހަކަ ދައްކަމުން ދިޔަ ވަތަނީ ތިން މީހުންނާއި ގްރޫޕްތަކާ މެދު ފޭސްބުކްއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ފަބްލިކް ޕޮލިސީ އިންޑިއާ އެގްޒެކިއުޓިވް އަންކީ ދާސް ފިޔަވަޅު އަޅަން ދެކޮޅު ހެއްދެވި ކަމަށެވެ.
އޭގެ ތެރޭގައި އިންޑިއާގެ ޓެލެންގަނާ ސްޓޭޓް ލެޖިސްޓޭޓިވް އެސެމްބްލީގެ މެމްބަރު ޓީ ރާޖާ ސިންގް ހިމެނެ އެވެ. އޭނާއަކީ މުސްލިމުންދާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާ ބޭފުޅެއް ވެސްމެ އެވެ.
ސިންގް ކުރާ ޕޯސްޓްތައް ފާހަގަވެ އޭނާގެ އެކައުންޓް ބޭންކުރަން ވެސް ފޭސްބުކްގެ މުވައްޒަފުން ލަފާދީފައިވެ އެވެ. ނަމަވެސް ފަބްލިކް ޕޮލިސީ އިންޑިއާ އެގްޒެކިއުޓިވް އަންކީ ދާސް ފިޔަވަޅު އަޅަން ދެކޮޅު ހެއްދެވިކަމަށް ވަނީ ބުނެފަ އެވެ.
ސިންގްގެ ޕޯސްޓްތަކާ ހެދި ދެ ނޫހަކުން ފޭސްބުކުން ގުޅުމުން އޭނާގެ ބައެއް ޕޯސްޓްތައް ނެގިކަމަށް ވެސް ބުނެފައިވެ އެވެ.
ފޭސްބުކްގެ ކުރީގެ މުވައްޒަފުން ބުނާ ގޮތުގައި ދާސްއަކީ ފޭސްބުކްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ އިންޑިއާގެ ސަރުކާރަށް ލޮބީކުރަމުން ދިޔަ ބޭފުޅެކެވެ. އަދި ނަފްރަތު އުފެދޭ ޕޯސްޓްތަކާ މެދު ފިޔަވަޅު އަޅައިފި ނަމަ ފޭސްބުކްއާއި އިންޑިއާ ސަރުކާރާ ގުޅުން ގޯސްވެދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ބީޖޭޕީގެ އެހެން ލީޑަރެއް ކަމަށްވާ އަނަންތުކުމާރު ހެޖް ވަނީ މުސްލިމުން އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރުމަށް ކޮރޯނާ ޖިހާދު ކުރަމުންގެންދާ ކަމަށް ވެސް ތުހުމަތުކޮށް ޕޯސްޓްތަކެއްކޮށްފަ އެވެ.
އޭގެ އިތުރުން އިންޑިއާގެ ބައެއް މުސްލިމުންގެ ރައްޔިތުކަން ގެއްލޭ ގާނޫނާ ދެކޮޅަށް މުޒާހަރާކުރި މީހުންނާ ދެކޮޅަށް ތެދުވުމަށް ގޮވާލެއްވި ބީޖޭޕީގެ ލީޑަރު ކަޕިލް ޝަރުމާގެ ވީޑިއޯއެއް ނަފްރަތު އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރި އެވެ.
އެ ވީޑިއޯ އާންމުކުރިތާ މަދު ގަޑިއިރެއް ތެރޭ ބީޖޭޕީގެ މީހުން ނުކުމެ ވަނީ މުޒާހަރާ ކުރަމުންދިޔަ 53 މީހަކު މަރާލައިފަ އެވެ. އޭގެ ތެރޭގައި ގިނައި މުސްލިމުންނެވެ.
ވޯލްސްޓްރީޓްގެ ރިޕޯޓްގައި އިތުރަށް ބުނީ މިދިޔަ ފެބްރުއަރީ މަހު ހިނގައި ދިޔަ ވަރުގަދަ ތިން ދުވަހުގެ ބޮޑު ހަމަނުޖެހުންތައް އިންތިޒާމްކޮށްފައި ވަނީ ވަޓްސްއަޕް މެދުވެރިކޮށް ކަމަށެވެ. ވަޓްސްއަޕްއަކީ ފޭސްބުކްގެ ދަށުން ހިންގާ އެޕެކެވެ.-- އަލްޖަޒީރާ