ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ސްޓާޓްއަޕް ވިޔަފާރިތަކަށް ބޮޑު އަސަރެއް ކޮށްފައިވަކަން ސާވޭއަކުން ދައްކައިފި އެވެ.

ސްޕާކްހަބް އެލްއެލްޕީ އިން ކުރިއަށްގެންދިޔަ މި ދިރާސާގައި ބުނެފައިވާގޮތުން ރާއްޖޭގައި ސްޓާޓްއަޕް ވިޔަފާރި ކުންފުނިތަކުގެ ދެބައިކުޅަ އެއްބައި ކުރިއަށް އޮތް ދެ މަސްތެރޭ ހުއްޓާލަން ޖެހިދާނެ އެވެ. ކޮވިޑް19ގެ ސަބަބުން ވިޔަފާރިތަކުގެ އާމްދަނީ އަށް ބޮޑު އަސަރެއްކޮށްފައިވަކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

އެކި މަސައްކަތްތައް ކުރާ ސްޓާޓްއަޕް ވިޔަފާރިތައް ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ސާވޭ ރިޕޯޓުގައި ފާހަގަ ކޮށްފައިވާގޮތުން ވިޔަފާރިތައް ދެމިއޮތުމަށް ކޮވިޑްގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

ސްޓާޓްއަޕް ވިޔަފާރިތަކުގެ 80 ޕަސެންޓް ވިޔަފާރިތަކުންް ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އެމީހުންގެ އާމްދަނީ އަށް ވަނީ އަސަރު ކޮށްފަ އެވެ. އަދި 50 ޕަސެންޓް ވިޔަފާރި ކުރިއަށް އޮތް ދެ މަސް ތެރޭ ހުއްޓާލަން ޖެހިދާނެ ކަމަށް ލަފާކޮށްފައިވާއިރު 90 ޕަސެންޓް ވިޔަފާރިތަކުން ފާހަގަކޮށްފައިވާގޮތުން ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުންގެ އަދަދު ވަނީ މަދުވެފަ އެވެ. މީގެ އިތުރުން 50 ޕަސެންޓް ވިޔަފާރިތަކުން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފަ އެވެ.

ކޮވިޑްގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިން އަރައިގަތުމަށް ގިނަ ވިޔަފާރިތަކުން ވަނީ ސަރުކާރުން ދޫކުރާ ރިކަވަރީ ލޯނަށް އެދިފަ އެވެ.

މި ސާވޭގައި 51 ވިޔަފާރި އަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 17.6 ޕަސެންޓް ވިޔަފާރިއަކުން އޮޕަރޭޝަންތައް ހުއްޓަލާ ވިޔަފާރި ޝަޓްޑައުން ކޮށްފައިވާއިރު 43 ޕަސެންޓް ވިޔަފާރިން ވަނީ އޮޕަރޭޝަންސް ވަގުތީގޮތުން ހުއްޓާލައިފަ އެވެ.

މި ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ 52.9 ޕަސެންޓް ވިޔަފާރިން ބުނެފައިވަނީ އެމީހުންގެ އާމްދަނީގެ 75 ޕަސެންޓް ކޮވިޑްގެ ސަބަބުން ހުއްޓިފައިވާ ކަމަށެވެ.

ރާއްޖޭގެ ސްޓާޓްއަޕް ގިނަ ވިޔަފާރިތަކުން މުވައްޒަފުންގެ ގޮތުގައި ގެންގުޅެނީ ފަސް މުވައްޒަފުންނެވެ. 64.7 ޕަސެންޓް ވިޔަފާރިތަކުން ބުނެފަައިވަނީ މުވައްޒަފުން ވަޒީފާ އިން ވަކި ނުކުރާ ކަމަށެވެ. ނަމަވެސް 52.9 ޕަސެންޓް ވިޔަފާރިން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފަ އެވެ.