10 Jan 2012, 15:39
އައިލެންޑް އޭވިއޭޝަންގެ ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ބޯޑް ޗެއާމަން ކޮލި މުހައްމަދު މަނިކު އިސްތިއުފާ ދެއްވައިފި ކަމަށް ބުނާ ހަބަރުތަކެއް ފެތުރިއްޖެ އެވެ.
ސަން އަށް ވަރަށް މުއުތަބަރުކޮށް އެނގިފައިވާ ގޮތުގައި މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި ޔުނިވަސަލް އެންޓާޕްރައިސަސްގެ ޗެއާމަން ކޮލި މުހައްމަދު މަނިކު އައިއޭއެސްގެ ބޯޑް ޗެއާމަން ކަމުން އިސްތިއުފާ ދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބަންދު އިބްރާހީމް ސަލީމް ކުއްލި ގޮތަކަށް ވަކި ކުރިތާ ދެތިން ދުވަސް ވެސް ނުވަނީހެވެ.
ނަމަވެސް މުހައްމަދު މަނިކު އިސްތިއުފާ ދެއްވި ކަން އައިލެންޑް އޭވިއޭޝަނަކުން ވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކުން ވެސް ކަށަވަރެއް ނުކޮށްދިނެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ބޯޑް ޗެއާމަން މުހައްމަދު މަނިކު އިސްތިއުފާ ދެއްވިކަން "ރަސްމީކޮށް އެނގިފައި ނުވާ" ކަމަށެވެ. އަދި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވެސް ވިދާޅުވީ މުހައްމަދު މަނިކު އިސްތިއުފާ ދެއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ސަން އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން، މުހައްމަދު މަނިކާ ހަވާލާދީ، ވިދާޅުވީ މުހައްމަދު މަނިކު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބަންދު ވަކި ކުރެއްވި އިރު، އޭނާ ވަނީ އެއާމޯލްޑިވްސް ބަނގުރޫޓް ވުމުން އައިލެންޑް އޭވިއޭޝިއަން އުފައްދަވައި އެ ކުންފުނި ކޮޅަށް ޖަހައި އެތެރޭގެ ދަތުރުތައް ހަމައަކަށް އަޅުވައިފަ އެވެ. އަދި އައިލެންޑް އޭވިއޭޝަނަށް އެންމެ ފައިދާ ލިބެމުން އައި އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިންނާއި ކާގޯ އާއި ވީވީއައިޕީ ލޯންޖުގެ ހިދުމަތް އައިލެންޑް އޭވިއޭޝަނުން ވަކިކޮށް ޖީއެމްއާރާ ހަވާލު ކުރުމުން ވެސް ކުންފުނި ކުރިއަށް ގެންދިއުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވައިފަ އެވެ.