ވޮޝިންޓަން (އޮގަސްޓު 16): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮއްކޯފުޅު، ރޮބަޓް ޓްރަމްޕް، ނިއު ޔޯކް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެ އެވެ.

ޓްރަމްޕް އާއިލާގެ ފަސް ބޭފުޅުންގެ ތެރެއިން އެންމެ ހަގު ބޭފުޅާ ކަމަށްވާ ރޮބަޓް ޓްރަމްޕް، 71، އަވަހާރަވީ އޭނާގެ ހާލު ސީރިއަސްވެފައިވާ ކަމަށާއި މިދިޔަ ހުކުރު ދުވަހު ރައީސް އޭނާއަށް ޒިޔާރަތް ކުރެއްވި ކަމަށް ވައިޓް ހައުސްއިން ބުނި ފަހުންނެވެ. ޓްރަމްޕްގެ ހާލުކޮޅު ސީރިއަސްވެ، އަވަހާރަވީ ކޮން ސަބަބަކާ ހެދި ކަމެއް އޮފިޝަލުން ވިދާޅުނުވެ އެވެ.

ޓްރަމްޕް އާއިލާގެ ފަސް ބޭފުޅުން ކަމަށްވާ މެރިއޭން (ކ)، ޑޮނަލްޑް، ފްރެޑް، އެލިޒަބެތު އަދި ރޮބަޓް -- ފޮޓޯ: ޓްރަމްޕް ކެމްޕެއިން

"[ރޮބަޓް އަކީ] ހަމައެކަނި އަޅުގަނޑުގެ ކޮއްކޮއެއް ނޫން، އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ވެސްމެ. ރޮބަޓް މަތިން ވަރަށް ހަނދާންވާނެ، ނަމަވެސް އަދި އަޅުގަނޑުމެން ބައްދަލުވާނެ. އަޅުގަނޑުގެ ހިތުގައި ކޮއްކޮގެ ހަނދާންތައް ދެމިހުންނާނެ،" ޓްރަމްޕް ނެރުއްވި ބަޔާނެއްގައިވެ އެވެ.

ޓްރަމްޕް އާއިލާގެ ރެއަލް ސްޓޭޓް ވިޔަފާރީގައި މަސައްކަތް ކުރެއްވި ރޮބަޓް ވަނީ މިދިޔަ މާޗް މަހު ކައިވެނި ބައްލަވައިގެންފަ އެވެ. އޭނާ އެންމެ ފުރަތަމަ ކައިވެންޏެއް ބައްލަވައިގެންނެވީ 1980ގަ އެވެ. ނަމަވެސް 2007 ވަނަ އަހަރު އެދެ ބޭފުޅުން ވަނީ ވަރިވެފަ އެވެ.

ރޮބަޓްގެ އެންމެ ދޮށީ ބޭބޭފުޅު ކަމަށްވާ ފްރެޑް ޓްރަމްޕް ޖޫނިއާ ވަނީ އުމުރުން 43 އަހަރުގައި، 1981 ވަނަ އަހަރު އަވަހާރަވެފަ އެވެ. ނަމަވެސް ރޮބަޓް އާއި ޑޮނަލްޑަށް ވުރެ ދޮށީ ދެ ބޭފުޅުން ކަމަށްވާ އެލިޒަބެތު ޓްރަމްޕް ގްރޯ އާއި މެރިއޭން ޓްރަމްޕް ބެރީ ދުނިޔޭގައި އެބަތިއްބެވި އެވެ.