16 Aug 2020, 12:24
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ޑޮކްރަޓަރުން އިރުޝާދު ދެއްވި ޓެސްޓުތައް ހެދުމަށް ދެކޮޅު ހައްދަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެންމެ ފަހުން އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑާޝީޕްގެ ބޭފުޅުން އިމްރާންއާ ބައްދަލުކޮށް، ރައީސް ޔާމީންގެ ސިއްހީ ހާލަތު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ރޭ ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އިދިކޮޅުން އެގޮތަށް އެދުމާ އެކު، ރައީސް ޔާމީން ހަދަން ޖެހިފައިވާ ޓެސްޓުތައް ހެދުމަށް އޭނާ ރައީސް ޔާމީންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ ޓެސްޓުތައް ހެދުމަށް ދެކޮޅު ހަދަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"ޑޮކްޓަރުން ދެއްވާފައިވާ ލިޔުމަކާ ހަވާލާ ދެއްވާ އެބޭފުޅުން ވިދާޅުވީ [ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް]. އެ ލިޔުމުގައި އެބަ އޮތް ޓެސްޓުތަކެއް ހެދުމަށް. އަޅުގަނޑު ދެންނެވިން، މިއަދުވެސް އެދެމޭ އެ ޓެސްޓުތައް ހެއްދެވުމަށް. އެއްގޮތަކަށްވެސް [ރައީސް ޔާމީން] އެއްބަސްވެވަޑައި ނުގަންނަވާ ޓެސްޓުތައް ހެދުމަށް ވަޑައިގެންނެވުމަށް،" އިމްރާން ވިދާޅުވި އެވެ.
އެ ޓެސްޓުތައް ނަހަދާ، އެ ޓެސްޓުތެ މައްޗަށް ބިނާކޮށް ދެން ކުރަން ޖެހޭ ކަމެއް ކުރެވޭނީ ކޮން ގޮތަކުންނެއްތޯ އިމްރާން ސުވާލު އުފެއްދެވި އެވެ. އެހެން ކަމުން އެ ޓެސްޓުތައް ހެދުމަށްފަހު، އޭގެ މައްޗަށް ކުރަން ޖެހޭ ކަމެއް ކުރައްވާނެ ކަމަށް އިދިކޮޅު ބޭފުޅުންނަށް ދެންނެވި ކަމަށް އިމްރާން ވިދާޅުވި އެވެ.
ޓެސްޓުތައް ހެދުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވަނީ ކޮން ސަބަބަކާހުރެ ކަމެއް އިމްރާން ވިދާޅެއް ނުވެ އެވެ. އަދި އިމްރާންގެ އެ ވާހަކަތަކާ ގުޅޭ ގޮތުން ޕީޕީއެމްގެ ބަހެއް އަދި ލިބޭ ގޮތް ނުވެ އެވެ.
އިމްރާން ރޭ ވިދާޅުވީ، ރައީސް ޔާމީން ބަންދު ކުރި ދުވަހުން ފެށިގެން ޖަލުގައި ކުރިން ދެމުން އައި ހިދުމަތްތަކަށްވުރެ، ހިދުމަތް ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އެކަން އޭނާގެ ބެއްލެވުމުގެ ދަށުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީންކަން އެބަދެން [ރައީސް ޔާމީނަށް] އަސާސީ އެއްވެސް ހިދުމަތެއް އުނި ނުކުރާނެކަން. އަދި ކަން ކޮށްދެވެން އޮތް އެންމެ ރަނގަޅަށް ކަން ކޮށްދެވޭނެކަން. އެބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭ ކަންކުރެއްވި ގޮތަށްވުރެ މާ ބޮޑުތަނުން ރަނގަޅަށް ކަން ކުރާނެކަން، އަދި އެކަން ކުރާކަންވެސް އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ރައީސް ޔާމީންގެ ސަރުކާރުގައި ޖަލަށް ލެވުނު އިމްރާން ވިދާޅުވި އެވެ.
ރައީސް ޔާމީންނަށް މޫދަށް އެރި ފެތޭނޭ އިންތިޒާމް ހަމަޖެއްސުމަށް މާފުށީ ޖަލުގައި ޓްރެކެއް ހަދަން ފަށައިފައިވާ ކަމަށްވެސް އިމްރާން ރޭ ހާމަ ކުރެއްވި އެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ބައްދަލު ކުރުމަށް ކަރެކްޝަންސް އިން ހުރަސް އަޅަންދާ ވާހަކަތައްވެސް މިނިސްޓަރު އިމްރާން ދޮގު ކުރެއްވި އެވެ.
އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާާވަލް ކޮށްފައިވެ އެވެ. އަދި ވަކީލުންނާ ބައްދަލުނުވެ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވަނިކޮށް، އަޑުއެހުމެއް ތާވަލް ކުރުމުން އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް ޔާމީން ޖަލަށްލީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަން ސާބިތުވެގެންނެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. މިހާރު އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުާފު މަރުހަލާގަ އެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، އެ ހުކުމަކީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކުރި ސިޔާސީ ހުކުމެކެވެ.