ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކޮށްފައިވާ އިތުރު ދައުވާތަކެއްގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައިވަނީ، އެމަނިކުފާނުގެ ވަކީލުންނާ ބައްދަލު ނުވާތާ އެތައް ދުވަހެއް ފަހުން ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނު އަންނަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފެށުމަށް ވަނީ ނިންމައިފަ އެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އެކެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުނުވެ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު، އަދި އެކަން ހަމަނުޖެހި އުޅެނިކޮށް ދައުލަތުގެ ފަރާތުން، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމެއް މިއަދަށް ކްރިމިނަލް ކޯޓުން ތާވަލުކުރުމަކީ އެ ކޯލިޝަންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.

ޕީޕީއެމް އިން ބުނީ ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުވެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި ހައިކޯޓުން އަމުރުކުރިތާ މަހެއް ވެފައި ވާއިރުވެސް، ކަރެކްޝަންސްގެ ފަރާތުން އެކަން ހަމަޖައްސައިދީފައި ނުވާކަމަށެވެ. އަދި އެކަން ހަމަޖައްސައިދިނުމަށް އޯގަސްޓު 13 ވަނަ ދުވަހު ހޯމް މިނިސްޓްރީއާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކިބައިން ވެސް އެދިފައިވާނެ ކަމަށެވެ.

ނަމަވެސް އެ އިންތިޒާމް ހަމަޖައްސައިނުދީ ޝަރީއަތުގެ އަޑުއެހުން ތާވަލުކުރުމަކީ ރައީސް ޔާމީނަށް އަމާޒުކުރެވިގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށާއި، އަދި އެއީ އެމަނިކުފާނަށް އަނިޔާވެރިވުން ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން ރައީސް ޔާމީން އާ ގުޅިގެން ކުރެވޭ ދައުވާތަކާއި ހިންގޭ ޝަރީއަތްތަކުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކޮށް، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހުރިހާ އެންމެނަށް ވެސް ހަހަމަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ އަނިޔާވެރިވުމަށް ފުރުސަތު ނުދީ، އިންސާފުވެރިކަމާއެކު ގާނޫނީ އެންމެހާ ކަންކަން ކުރިއަށް ގެންދަން އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

"ގާނޫނު އަސާސީގެ 53 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ގޮތުގެ މަތިން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް އެމަނކިފާނުގެ ވަކީލުންނާއި ބައްދަލުވެ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އެކަށީގެންވާ ފުރުސަތާއި ވަގުތު ދެއްވުމަށްފަހު ނޫން ގޮތަކަށް ޝަރީއަތުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ވެސް ގޮވާލަމެވެ." ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ހުރަސް އަޅާކަމަށް ބުނާ ވާހަކަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރޭވެސް ދޮގުކުރައްވައިފަ އެވެ. ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ޔާމީންއާ ބައްދަލުކުރުމަށް ވަކީލުންނަށް ފުރުސަތު ދީ އެފަރާތުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސަން އެދުނު ނަމަވެސް، އިއްޔެއާ ހަމައަށް ވެސް ވަކީލުންގެ ފަރާތުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސާފައި ނުވާ ކަމަށެވެ.